ދުނިޔެ

ބޯޓުން ފޭކް ބޮން ފެނުނު މައްސަލާގައި ހަތަރު މީހަކާ ސުވާލު ކުރަނީ

މޮރީޝަސްއިން ފްރާންގެ ވެރިރަށް ޕެރިސްއަށް ދަތުރުކުރަމުންދިޔަ އެއާ ފްރާންސްގެ ބޯޓެއް ތެރެއިން ފޭކް ބޮމެއް ފެނުނު މައްސަލާގައި ހަތަރު މީހަކާ ސުވާލުކުރަން ފަށައިފިއެވެ.

ބޮމެއް ކަމަށް ޝައްކުކުރެވިގެން އެއާ ފްރާންސްގެ ބޯޓު ވަނީ އެމެޖެންސީގައި ކެންޔާ މޮންބާސާ ސިޓީގެ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެެވެ. ބޯޓު ޖެއްސުމަށް ބޯޓުން މީހުން ހުސްކޮށް، ބޮން ތަހުލީލުކޮށްފައިވެއެވެ. ބޯޓުގައި ޖުމްލަ 500 މީހުން ދަތުރުކުރިއެވެ.

ކެންޔާގެ އިންޓީރިއާ މިނިސްޓަރު ޖޯސެފް ނަކަސެރީ ވިދާޅުވީ، އެ މައްސަލާގައި ހަތަރު މީހަކާ ސުވާލުކުރަމުންދާ ކަމަށެވެ. މި ހަތަރު މީހުންގެ ގައުމެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

އެއާ ފްރާންސްގެ ސީއީއޯ ފްރެޑެރިކް ގަގޭ ބޯޓުން ފެނުނު ބޮން ސިފަކޮށްދެއްވާފައިވަނީ ކަރުދާހުން ހަދާފައިވާ ފޮއްޓެއްގެ ގޮތުގައެވެ. އަދި އެ ފޮށީގެ ތެރޭގައި ކަރުދާސްތަކެއް ހުރި ކަމަށް ވެސް ސީއީއޯ ވިދާޅުވެފައިވެއެވެ.

އެއާ ފްރާސްގެ ބޯޓެއްގެ ތެރެއިން ފޭކު ބޮމެއް ފެނިފައިމިވަނީ، ފްރާންސްއަށް ޓެރަރިސްޓުންގެ ހަމަލާ ދޭނެ ކަމުގެ އިންޒާރުތައް ލިބެމުންދާ ދުވަސްވަރެއްގައެވެ. ފްރާންސްގެ ވެރިރަށް ޕެރިހަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ޓެރަރިސްޓް ޖަމާއަތަކުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާގައި 129 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.

ޕެރިހުގެ އެކި ތަންތަނުގައި ދިން ބަޑީގެ ހަމަލާތަކާއި ބޮމުގެ ހަމަލާތަކުގެ ސަބަބުން ފްރާންސްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ. އެ ގައުމު އަދިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ.