ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ޖޭއެސްސީ އިސްލާހުކުރަން މީގެ ކުރިންވެސް ތޯރިގު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް 2020 އަހަރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މަޖިލީހުން ބަލައިގެންފައެއް ނުވެ އެވެ. އޭގެ ފަހުން އޭނާ ބިލް ހުށައެޅީ ސެޕްޓެންބަރު 2، 2021 ގައެވެ.
ޖޭއެސްސީ އިސްލާހުކުރަން ބޭނުންވާކަން ސަރުކާރުން ވެސް އޭރު ވަނީ ހާމަކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ސެޕްޓެންބަރު 1، 2021 ގައި ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަން ނިމުމުގެ ކުރިން ޖޭއެސްސީ އެކުލަވާފައި އޮތް ގޮތަށް ބަދަލު ގެންނާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެ ބަދަލު ގެނައުން ލަސްވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ޖޭއެސްސީ އަށް ބަދަލު ގެންނާނީ އެންމެންނަށް އިތުބާރު ހިފޭ ގޮތަކަށް ކަމަށާއި އެ ބަދަލު ގެނައުމަށް ގާނޫނީ ދާއިރާގެ ފަންނުވެރިންގެ ލަފާ ރައީސް ސޯލިހު ހޯއްދަވަމުން ގެންދަވާ ކަމަށެވެ.
ޖޭއެސްސީގައި މިހާރު ގިނަ އަދަދެއްގެ ސިޔާސީ މީހުން ތިބޭތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ.
ޖޭއެސްސީގައި މެންބަރުން ހިމެނޭ ގޮތް
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
- ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
- ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރަކު
- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
- ބަންޑާރަނައިބު
- ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު
ޖޭއެސްސީގައި ސިޔާސީ މީހުން ނުހިމަނަން ހިމަނާ ހުށައަޅާފައިވާ ބިލް އެޖެންޑާ ކުރިއިރު ޖޭއެސްސީ އިސްލާހު ކުރުމާއެކު ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ސާފުކޮށް ލިޔުމާއި އެމަނިކުފާނާއި އެކުވެރީން މިހާރު ހިމެނޭ ޖޭއެސްސީ ބަދަލު ކުރުމާއި މިނިވަން މުއައްސަސާތަކާއި ގުޅޭ ކަންކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ދައުރުން ދައުރަށް އިތުރުވިޔަ ނުދިނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.