ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސިޔާސީ ބޭފުޅުން ތިބެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބެވޭ ގޮތް ހަދަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި އިސްލާަހުގެ ބިލާ ގުޅޭތުން މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް އަކީ ދައުލަތުގެ އެއްބާރު ކަމަށްވެފައި މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ ނިޒާމުގެ އުނި ކަމެއް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރުވަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ސިޔާސީ ބޭފުޅުންނަކީ ސީދާ ރައްޔިތުން އިންތިހާބު ކުރާ ބައެއް ކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރި ގޮތް ތަމްސީލުކުރުމަށް މަޖިލީހުގެ މެމްބަރުން ނޫން ބައެއް ނެތް ކަމަށެވެ.
"ޖޭއެސްސީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފަނޑިޔާރުންގެ ކަންކަން ބަލައި ފަނޑިޔާރުންނާ ބެހޭ ގޮތުން ޝަކުވާތައް ބަލައި އެ ފަރާތްތަކާ މެދު އަޅާން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނޭ. އަދި ޖޭއެސްސީ އަކީ ގާނޫނުއަސާސީން އުފައްދާފައިވާ ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށްވާއިރު އެ ތަނެއްގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލުވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް. އެހެންކަމުން ޖޭއެސީސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން ބޭނުންތެރި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީގައި ބަންޑާރަނައިބު އިންނަވާތީ ކުރިމަތިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި ބަންޑާރަނައިބު އިންނެވުން ބޭނުންތެރި ކަމަށެވެ. އެހެންނަަމަވެސް ބަންޑާރަނައިބާ އެކު ރައީސްގެ ދެ މެމްބަރުންނަށް ވުރެ އިތުރު މެމްބަރެއް ޖޭއެސްސީގައި އިނުމުގެ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
ޖޭއެސްސީން ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން މަދުކުރުމަށް ފަހު އެ ކޮމިޝަންގައި އިތުރަށް ތިބެން ޖެހޭ މެމްބަރުން ކަނޑައެޅުމަށްފަހު ޖޭއެސްސީ އަލުން އެކުލަވާލަން ޖެހޭ ކަމަށް ނަޝީދު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.
ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބޭތީ އެއީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވޭނެ ގޮތެއް ކަމަށް ބުނެ ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ހިޔާލުތައް ވަނީ ދެކަފިވެފަ އެވެ. ހާއްސަކޮށް މެންބަރު ތޯރިގުގެ ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.