ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.
އިލިޔާސް މިހެން ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމަށް އިދިކޮޅުން ހުށަހެޅި ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
އިލިޔާސް ވިދާޅުވީ އާ ގާނޫނު އަސާސީ އެކުވަލާލާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު ޖޭއެސްސީއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެގޮތުން ނިމިގެން ދިޔަ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެސް ޖޭއެސްސީގެ ކެމްޕޭން ބަދަލުކުރާނެކަމަށް އެމްޑީޕީން ވެސް ވައުދުވިކަން ފާހަގަކުރެއްވި އެވެ. އަދި ވައުދާ އެއްގޮތަށް އެ ބަދަލު ގެންނާނެ ކަމަށެވެ.
އިލިޔާސް ވިދާޅުވީ މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ދެ ބޭފުޅުން ޖޭއެސްސީގައި ތިއްބަވާ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެއް ބާރު ކަމަށްވާތީ ރައީސްގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުން މުހިންމު ކަމަށެވެ.
މީގެ އިތުރުން ރައީސްގެ މެމްބަރަކު ޖޭއެސްސީގައި އިންނަވާއިރު މަޖިލީހުގެ ރައީސް ވެސް ޖޭއެސްސީގައި އިންނަވާކަން އިލިޔާސް ފާހަގަކުރެއްވި އެވެ. ނަމަވެސް މިއީ އެއްމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"އެއް ބާރުގެ ވެރިޔާ[މަޖިލީހުގެ ރައީސް] ޖުޑީޝަލް ސާވިސް ކޮމިޝަންގައި އިންނެވުމަކީ އެއީ އެހާ ރަނގަޅުކަމެއްގެ ގޮތުގައި އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހުރުމަކީ މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެން." އިލިޔާސް ވިދާޅުވި އެވެ.
އިލިޔާސް އިތުރަށް ވިދާޅުވީ ގިނަ އަދަދެއްގެ ފަނޑިޔާރުން ޖޭއެސްސީގައި ތިބުން ވެސް މަސްލަހަތު ފުޝުއަރާ ކަމަެވެ. އެހެން ނަމަވެސް އެކަކު ނޫނީ ދެ ފަނޑިޔާރުން ތިބުން މުހިންމު ކަަމަށާއި އަދި ޖޭއޭސްސީއަށް ކަނޑައަޅާނެ އިތުރު ފަރާތްތަށް ފުޅާކޮށް މަޝްވަރާކުރަން ޖެހޭ ކަމަށެވެ.