ޖޭއެސްސީ

ޖޭއެސްސީ އިސްލާހުކުރަން އެމްޑީޕީގެ ތާއިދެއް ނެތް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް އެ ކޮމިޝަން އެކުލަވާލުމަށް އިދިކޮޅު މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އިސްލާހުގެ ބިލެއް ހުށަހެޅުއްވި ނަމަވެސް އެ ބިލަށް ތާއިދު ނުކުރާކަން އެމްޑީޕީގެ މެމްބަރުން ހާމަކޮށްފި އެވެ.

ޖޭއެސްސީ އިސްލާހުކުރުމަށް ތޯރިގު މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހެޅުއްވި ބިލް މަޖިލީހަށް ތައާރަފްކޮށް މިއަދު ވަނީ އެ ބިލުގެ ބަހުސްގެ ފަށައިފަ އެވެ. ތޯރިގު މީގެކުރިން އެ ބިލް ހުށަހެޅުއްވުމުން އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އޭރު ވަނީ ބިލް ބޭރުކޮށްލާފަ އެވެ.

މިއަދުގެ ބަހުސްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބިލަށް ތާއިދު ނުކުރައްވާ ކަމަށާއި އަދި ބިލު ގެ ނިޔަތް ކިތަންމެ ރަނގަޅުވިޔަސް އެއްވެސް އިސްލާހީ ބަދަލެއް އަންނާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނަވާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ އެމަނިކުފާނު ޖޭއެސްސީގެ ނުހިމެނުނަސް އެމަނިކުފާނު ބޭނުންވެލައްވާނަމަ ނުފޫޒު ފޯރުއްވެވޭނެ ކަމަށެވެ.

"އެހެންވީމާ މަނިކުފާނު [ޖޭއެސްސީ]ގައި އިންނަވައިގެން އެތަނަށް ނުފޫޒުފޯރުއްވިދާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އިހުލާސްތެރިކަމާއެކު އެމަނިކުފާނު މަސައްކަތް ކުރައްވަންޏާ މަޖިލީހުގެ ރައިސް އެތާ ހުރުމުގެ އަޅުގަނޑަކަށް ނުފެނޭ އެއްވެސް މައްސަލައެއް. އަދި މަޖިލީހުގެ މެމްބަރަކު އެތާ [ޖޭއެސްސީ]ގައި ހުރުމުގެ އެއްވެސް މައްސަލައެއް އަޅުގަނޑަކަށް ނުފެނޭ. ކޮންމެ ބަޔަކު އެތަނަށް ލިޔަސް މި މަޖިލީހުގެ މެމްބަރުންގެ ވިސްނުމާއި ފިކުރު ހުރެގެން އެތަންތަނުގައި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ ދިން ދުވަހަކުން ނޫނީ އެކަމެއް ނުހިނގާނެ" ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝަފީގު ވަނީ ސިޔާސީ މީހަކު މިނިވަން މުއައްސަސާއެއްގައ ނެތުމަކީ އެތަން މުސްތަގިއްލުތަނަކަށް ވުންތޯ ސުވާލު އުފައްދަވައިފަ އެވެ.

އެގޮތުން މީޑިއާ ކައުންސިލްފަދަ މުއައްސަސާތަަކަކީވެސް އިންތިހާބުވެގެން އަންނަ މުއައްސަސާތައް ކަމަށާއި ނަމަވެސް މިފަދަ މުއްސަަސާަތަައް ވެސް އެކަށީގެންވާ ގޮތަށް މަަސައްކަތް ނުކުރާކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ވަކި މުއައްސަސާތަކަށް އަމާޒުކޮށް ކުދި ކުދި ބަދަލުތައް ނުވަތަ މާއްދާތައް ގެނައުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އަދި ފެހި ގާނޫނު އަސާސީން ގާނޫނު ބަދަލުކުރުމުގެ ބާރު ލިބިފަައިވާ އިރު އަޅުގަނޑުމެން ބޭނުންވާ ކޮންމެ ފަހަރަކު ގާނޫނު އަސާސީއަށް ބަދަލުގެންނަން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު އަނެއްކާވެސް އަންނަންވީ 2004 ވަނަ އަހަރު ރައީސް މައުމޫން ގެންނެވި ކަހަލަ އިސްލާހީ އެެޖެންޑާއެއް. ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ މާހައުލެއް އަންނަންވީ. އެކަހަލަ އިސްލާހީ އެޖެންޑާއެއް ހުށަހަޅުއްވަންވީ." ޝަފީގު ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާަގެ މެމްބަރު އަހުމަދު ސަަލީމްވެސް ވަނީ ޖޭއެސްސީ އިސްލާހުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީއަށް އިސްލާހެއް ގެންނަން ޖެހޭނަމަ ސަރުކާރުގެ ފަރާތުން އެފަދަ އިސްލާހެއް ހުށަހަޅުއްވާނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އެފަދަ އިސްލާހެއް ސަރުކާރުގެ ފަރާތުން ހުށަހަޅާނަމަ ހުށަހަޅާނީވެސް ގިނަ ބަޔަކާ މަޝްވަރާކޮށް މިހާތަނަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައި މާ ފުރިހަމައަށް ކަމަށެވެ.

"އަޅުގަނޑުމެން ދެކިގެން ނުވާނެ ވަކި ކޮމްޕޮޒިޝަންއެއްް އޮވެގެން ޖުޑިޝަރީ އިސްލާހުވެގެންދާނެ ކަމަށް. ދުނިޔޭގެ އެކި ގައުމުތަކަށް އަޅުގަނޑުމެން ބަލާއިރުގައި ވަރަށް ތަފާތު އެކި ފޯމިއުލާތައް އެބަ ބޭނުންކުރޭ. ހުރިހާ ގައުމަކަށް ފިޓްވާފަދަ އައިޑިއަލް ފޯމިއުލާއެއް ޖޭއެސްސީގެ ކޮމްޕޮޒިޝަންގައި ނޯންނަކަމަށް. މިސާލަކަށް އަޅުގަނޑުމެން ބަލާލާއިރު ގައި އެމެރިކާގެ ކޯޓުތައް ހިންގުމުގެ ކަންތައް މި ބަލަހައްޓަނީ އަދި ފަނޑިޔާރުންނާ ގުޅޭ ކަންކަންވެސް މި ބަލަހައްޓަނީ ޖުޑީޝިއަލް އެޑްމިނިސްްޓްރޭޝަނުން. ރާއްޖޭގައި ވަކި ޖުޑީޝިއަލް އެޑްމިނިސްޓްޜޭޝަނެއް އޮވެފައި ވަކި ޖޭއެސްސީއެއްވެސް އެބަ އޮވޭ." ސަލީމް ވިދާޅުވި އެވެ.

ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭ ތިބުން ރައީސް ނަޝީދުވެސް މިއަދު ވަނީ ދިފާއުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރައީސް އަކީ ދައުލަތުގެ އެއްބާރު ކަމަށްވެފައި މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ ނިޒާމުގެ އުނި ކަމެއް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރުވަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.