އިމްތިޔާޒު ފަހުމީ

އިންތިގެ ކެމްޕޭން މެނޭޖަރަކަށް އީވާގެ ފިރިކަލުން ސާބެ

Feb 14, 2022

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި)ގެ ކެމްޕޭން މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) ހަމަޖައްސައިފި އެވެ.

އިންތިގެ ކެމްޕޭން މެނޭޖަރު ކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި ސާބެ ވަނީ އެމްޑީޕީގެ މެންބާޝިޕް އަދި ކެމްޕޭން ކޮމިޓީން އިސްތިއުފާ ދެއްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ކަން ވެސް ކުރިން ކުރައްވާފައިވާ ސާބެ ވިދާޅުވީ ކޮމިޓީން އިސްތިއުފާ ދެއްވީ އިންތިގެ ކެމްޕޭންގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

"އިންތިއަކީ ޕާޓީގެ އަސާސްތައް އަބަދުވެސް ހިފަހައްޓާ، ތެދުވެރިކަމާ، ނަޒާހާތްތެރިކަމުގެ ނަމޫނާއެއް. އެމްޑީޕީ އެކުގައި ތިބުމަށް، މިވަގުތު ބޭނުންވަނީ އިންތި." ސާބެ ވިދާޅުވި އެވެ.

އެމްޑީޕީން ބައިވެރިވެފައިވާ ގައުމީ ބޮޑެތި އިންތިހާބުތަކާއި އެމްޑީޕީގެ ޕްރައިމަރީތަކާއި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ރާވާ އިންތިޒާމު ކުރުމުގައި މިދިޔަ އަހަރުތަކުގައި ސާބެ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފަ އެވެ.

ސާބެއާ ގުޅޭގޮތުން އިމްތިޔާޒު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭންތައް މެނޭޖުކުރުމާއި ސިޔާސަތުތައް ކަނޑައެޅުމާއި ސީދާ ހަރަކާތްތައް އިންތިޒާމުކުރުމުގެ މަސައްކަތުގައި ބޮޑެތި ކާމިޔާބު ހޯއްދަވައިދެއްވި ތަޖުރިބާކާރެއްގެ ހައިސިއްޔަތުން ސާބެ، އޭނާގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިމްތިޔާޒާ ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. އެ މަގާމަށް ކުރިމަތިލުމަށް އަދިވެސް ވަގުތު އޮތުމުން އިތުރު ބޭފުޅުންނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަދި އެބައޮތެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިމްތިޔާޒު ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށެވެ. އަދި ފައްޔާޒު ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމަކަށެވެ.

އެމްޑީޕީގެ ޗެއާޕާސން ހޮވުމުގެ އިންތިހާބު ފޯރިގަދަ ވާނެ ކަމަށް ބެލެވޭއިރު ސޯޝަލް މީޑިއާގައި އިމްތިޔާޒުގެ ސަޕޯޓަރުންނާއި ފައްޔާޒުގެ ސަޕޯޓަރުން ގެންދަނީ ވަރުގަދަ އަށް ކެމްޕޭން ކުރަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން ޒުވާނުންގެ ޔޫތު ވިންގު އަދި އަންހެނުންގެ ރޫހުގެ އިންތިހާބަށް ކުރިމަތިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 22 ވަނަ ދުވަހު އިއުލާނު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭޕްރީލް 16 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ހަސަން ލަތީފް އެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ ފަސް އަހަރު ކުރިން ފެބްރުއަރީ 12، 2017 ގައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފަސް އަހަރު ވަންދެން ފުރުއްވި ހަމައެކަނި ބޭފުޅަކީ ވެސް ހަސަން ލަތީފް އެެވެ.