އެމްއެސްއެސް

ގައުމީ ޝިޕިން ކުންފުނިން ދެ ބޯޓު ގަންނަނީ

Feb 14, 2022

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ދެ ބޯޓެއް ގަނެގެން ރާއްޖެ ގެނައުމުގެ މަސައްކަތް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ފަށައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރު، ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ އެ ކުންފުނިން ގަނެގެން ގެންނަނީ ބަލްކް ކެރިއަ އަކާއި ކޮންޓެއިނާ ވެސަލް އެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ ބަލްކް ކެރިއަ އަކީ 43،000 ޓަން (ޑެޑްވެއިޓް)ގެ މުދާ އުފުލާ ބޯޓެއް ކަމަށާއި ކޮންޓެއިނާ ވެސަލް އަކީ 680 ކޮންޓެއިނަރުގައި 11،000 ޓަން (ޑެޑްވެެއިޓް)ގެ މުދާ އުފުލާ އުޅަނދަކަށް ވާނެ ކަމަށެވެ.

ބަލްކް ކެރިއާ މިއަހަރުގެ އޭޕްރީލް މަހު ގެނައުމުގެ މަސައްކަތް ކުރާއިރު ކޮންޓެއިނާ ވެސަލް ޖޫން މަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް އެމްއެސްއެސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ނާޒިމް ވިދާޅުވީ ދެ ބޯޓު ގެންނަންވާއިރަށް އުޅަނދުތަކަށް މުވައްޒަފުން ހޯދައި ތަމްރީން ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ދޭތެރެއަކުން ބޮޑެތި މުސާރަތަކެއް ލިބޭ ގޮތަށް މުވައްޒަފުން ހޯދަން ކުރި އިއުލާނަކީ މި ދަންނަވާ ދެ ވެސަލްއަށް ހޯދާ މުވައްޒަފުން،" ނާޒިމް ވިދާޅުވި އެވެ.

އެމްއެސްއެސްގައި މިވަގުތު އޮތީ އެ ކުންފުނީގެ އަމިއްލަ އެންމެ ބޯޓެވެ. އެމްއެސް ގަލޭނާގެ ނަން ދީފައިވާ 780 ކޮންޓެއިނަރާއި 60 ޓަނުގެ ކްރޭން އަދި 60 ރީފަ އުފުލޭ ބޯޓު ރާއްޖެ ގެނައީ މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ. މި ބޯޓުގައި ގައި ޖުމްލަ 16 މުވައްޒަފުން މަސައްކަތް ކުރާއިރު އޭގެތެރެއިން 99 ޕަސެންޓަކީ ދިވެހިންނެވެ.

އެމްއެސް ގަލޭނާ އިން ދަނީ ރާއްޖެއާއި ލަންކާއާ ދެމެދު ދަތުރުތައް ކުރަމުންނެވެ. މިދިޔަ ޑިސެމްބަރު މަހު ކޮލަމްބޯ އިން ރާއްޖެ އަށް އެތެރެކުރި މުދަލުގެ 30 އިންސައްތަ އެތެރެ ކުރީވެސް އެމްއެސްއެސް އިންނެވެ. ރާއްޖެއިން މުދާ ބޭރުކުރުމުގައި ވެސް އެމްއެސްއެސްގެ ބޯޓު ބައިވެރިވެ އެވެ.

ނާޒިމް ވިދާޅުވީ އަލަށް ގެންނަ ދެ ބޯޓާ އެކު ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުތައް ފެށުމުގެ ވިސްނުމެއް އެބައޮތް ކަމަށާއި އެކަމަކު އެ ދަތުރުތަކާ މެދު އަދި ފައިނަލް ނިންމުމެއް ނެތް ކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން 2019 ވަނަ އަހަރު އުފެއްދުމަށްފަހު އެންމެ ފުރަތަމަ ބޭނުންކުރީ 700 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ. އެކަމަކު ޗާޓާރުކޮށްގެން ދުއްވަމުން އައި އެ ބޯޓު ފަހުން ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ. ވިޔަފާރި ފުޅާވެ ފައިދާވާ މިންވަރަކުން ބޯޓުތައް ގަނެ ބައިނަލްއަގްވާމީ ދަތުރުތައް އިތުރުކޮށް ފުޅާކުރުމަށް އެމްއެސްއެސް އިން ވަނީ ޕްލޭން ކޮށްފަ އެވެ.

ގައުމީ ޝިޕިން ކުންފުންޏެއް އުފެއްދުމަކީ ދިވެހި ސަރުކާރުގެ 2020ގެ ތަސައްވުރުގައި ހިމަނާފައި އޮތް ކަމެކެވެ. ނަމަވެސް 2020އާ ހަމައަށް ވެސް ގައުމީ ޝިޕިން ކުންފުންޏެއް ރާއްޖޭގައި އުފެއްދިފައެއް ނުވެ އެވެ. ވިހިވިހީގެ ތަސައްވުރު އެކުލަވާލުވުމުގެ ކުރިން ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖެ އަކީ ވަރުގަދަ ޝިޕިން ކުންފުންޏެއް އޮތް ގައުމެވެ.

އެމްއެސްއެސް އުފައްދާފައިވަނީ އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެެމް)ގެ އެއް ޕަސެންޓް ހިއްސާއާ އެކުގަ އެވެ.