ރަޝިއާގެ އަސްކަރިއްޔާއިން ކްރައިމިއާ އާއި ކަޅުކަނޑުގައި ހިންގަމުން ގެންދިއަ އަސްކަރީ ތަމްރީންތައް ނިމެން ގާތްވެއްޖެ ކަމަށް ޑިފެންސް މިނިސްޓަރު ސަރުގޭ ޝޮއިގޫ ވިދާޅުވެއްޖެ އެވެ.
ރައީސް ލަޑިމިއަރު ޕޫޓިންއާ މޮސްކޯގައި ބައްދަލު ކުރައްވައި ޝޮއިގޫ ވިދާޅުވީ އަސްކަރީ ފައުޖުތަކަކަށް ބަހާލައިގެން ބޭއްވި ފަރިތަކުރުންތައް މިހާރު އޮތީ ނިމުމާ ހަމާގައި ކަމަށެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުން ދުވަސްކޮލެއްގެ ތެރޭގައި ފަރިތަކުރުންތައް މުޅިން ނިންމާލެވޭ ވަރުވާނެ އެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމުގައި ރަޝިއާ ވަނީ އަސްކަރީ ފައުޖުތައް ސަރަހައްދުތަކަށް ބަހާލައި ހަނގުރާމަމަތީ ފަރިތަކުރުންތަކެއް ބާއްވާފަ އެވެ. ދެގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެން ނަމަ އަސްކަރީ އުޅަނދުތައް ދަރުތުކުރަން މަގު ކަނޑައެޅުން ވެސް ފަރިތަކުރުންތަކުގެ ބައެއް ގޮތުގައި ވަނީ ހިމަނާފަ އެވެ.
ޝޮއިގޫ ވިދާޅުވީ ވައިގެ ސިފައިން ފަރިތަކުރީ ވައިގެ މަގުން ހަމަލާދޭން ޖެހިއްޖެ ނަމަ ހުޝިޔާރު ވުމަށް ކަމަށެވެ. ކަނޑުގެ ސިފައިން ހަނގުރާމަމަތީ މަނަވަރުތަކާއި ސަބްމެރީން ބޭނުންކޮށްގެން ފަރިތަކޮށްފައިވާ ކަމަށް އޭނާ ރައީސަށް ދެންނެވި އެވެ.
ރަޝިއާ ސިފައިން ވަނީ ގަނޑުފެންތަކުގެ އަޑިން ސަބްމެރިން ދުއްވައި އެވަގުތަކު އޮތް ތަނަކުން އަމާޒަށް މިސައިލް ފޮނުވާނެ ގޮތް ދަސްކޮށްފަ އެވެ. ބާރުގަދަ ކަރަންޓުން ގަނޑުފެންތައް ކަފާލައި ސަބްމެރިން ދުއްވާ މަގުތައް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ޝޮއިގޫ ވިދާޅުވި ގޮތުން އެމެރިކާގެ ސަބްމެރީނެއް ރަޝިއާ ކަނޑަށް ވަދެން އުޅޭތަން ފެނުނީ ވެސް އަސްކަރީ ފަރިތަކުރުންތަކެއް ކުރިއަށް ދަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިއާ ކަނޑުން ބޭރުވާން ސަބްމެރިންއަށް އެނގުމުން ކިޔަމަންވާން ބޭނުން ނުވި ކަމަށެވެ.
އެހެން ނަމަވެސް، މަޝްރަހުގައި އަސްކަރީ ކުލަވަރު ޖައްސާލުމުން ސަބްމެރިން މިސްރާބު ބަދަލުކޮށް ކަނޑުން ބޭރުވި ކަމަށް ވެސް ވިދާޅުވި އެވެ.