ރާއްޖެއިން އިތުރު 1،015 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 160،076 އަށް އަރާފަ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 182 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 728 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.
ރިސޯޓްތަކުން 44 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 5،042 ސާމްޕަލް އެވެ. މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 1،661 ސާމްޕަލެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓް މިހާރު ހުރީ 11 ޕަސެންޓް ގައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 15،818 މީހުންނެވެ. މިހާތަނަށް 143،956 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 29 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 289 އަށް އަރާފައެވެ.