ހުޅުމާލެ

ހުޅުމާލޭގައި މެރީބްރައުންގެ ރެސްޓޯރަންޓެއް ހުޅުވައިފި

Feb 15, 2022

މާލޭގައި ހުޅުވާފައިވާ މެރީބްރައުންގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

މިތަން އިއްޔެ ހުޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

ހުޅުމާލެ މެރީބްރައުން އަކީ ރާއްޖެއަށް މަޝްހޫރު ފްރެންޗައިޒް ތަކެއް ގެނެސް ދިނުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރު ހިއްސާވާ ހުރުވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ ވޯޓަފްރަންޓް ކޮމާޝަލް ކޮމްޕްލެކްސްގައި ހަދާފައިވާ ތަނެކެވެ.

ހުޅުމާލޭގެ މޫނު މައްޗަށް ރީތިކޮށް ފެންނަ ގޮތަށް "ވޯޓާސް އެޖް"ގެ ނަމުގައި ހަދާފައިވާ އިމާރާތުގެ މަސައްކަތް ފެށީ މީގެ ހައެއްކަ އަހަރު ކުރިންނެވެ.

ހުޅުމާލެ މޭރީބްރައުން ހުޅުވީ ހުޅުމާލެ ފެރީ ޓާމިނަލްގެ ކައިރީގައި ހަދާފައިވާ ލަގްޒަރީ ފްލެޓުތަކުގެ ކުރިމައްޗަށްވާ ގޮތަށް އަތިރި މަތީގަ އެވެ.

ހުޅުމާލެ އިން ކޮމާޝަލް ބޭނުން ތަކަށް އެޗްޑީސީން ދޫކުރި ބިމެއްގައި ހުޅުވާފައިވާ އިމާރާތުގައި މޭރީބްރައުންގެ އިތުރުން މަތީ ފަންތީގެ ހަތް ބްރޭންޑެއްގެ ފުޑް އައުޓްލެޓް ހުޅުވުމަށް ނިންމާފައިވެ އެވެ. އެ ސަރަހައްދު ތަރައްގީކޮށް މުޅިން ނިމުމުން އެ ތަނުގައި "އިންޑިއާ" އާއި "އިންޑޮނޭޝިޔާ" އަދި "އިޓާލިއަން" ފުޑް އައުޓްލެޓް ތަކެއް ވެސް ހުންނާނެ ކަމަށް އާމިރު މަންސޫރު ކުރިން އަވަސް އަށް ވިދާޅުވެފައިވެ އެވެ.

"މީގެ އިތުރުން އަޅުގަނޑުމެން މާލޭގައި ހިންގާ ސީކްރެޓް ރެސިޕީ އާއި ޕިއްޒާ މިއާވެސް މިތަނުގައި ހުޅުވާނެ. އެތަން [ޕިއްޒާ މިއާ] ކޮވިޑުގައި ބަންދުކޮށްފަ މި ހުޅުވަނީ." އާމިރު ވިދާޅުވި އެވެ.

ޔޫކޭގެ ކޮފީ ރިޕަބްލިކް

އާމިރު ވިދާޅުވީ އެތަނުގައި ހުޅުވާ މަތީ ފަންތީގެ ފުޑް އައުޓްލެޓްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭނެ ތަނަކީ އިނގިރޭސިވިލާތުގެ ކޮފީރިޕަބްލިކް (ސީއާރް) ކަމަށެވެ.

"ކޮފީ ރިޕަބްލިކް ގެންނަން މިހާރު ވާނީ ސޮއި ވެސް ކޮށްފައި މިހާރު ކުރަމުން ދަނީ ބަދިގެ ޑިޒައިން ކުރެހުމުގެ މަސައްކަތް. މި ބަލަނީ އޭޕްރީލް އެއްވަނަ ދުވަހު ހިސާބު ހުޅުވޭނެ ކަމަށް،" އާމިރު ވިދާޅުވި އެވެ.

އާމިރުގެ "ވޯޓާ އެޖް" ބިލްޑިން އަށް ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ އާއިި 40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކޮށްފައިވެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ހުޅުމާލޭގެ މިހާރުގެ އާބާދީ އަށް ބަލާއިރު މި އިންވެސްޓްމަންޓްގެ "ރިޓާން" ލިބޭނެ އެވެ.

"މި ސަރަހައްދުގައި އެކަނި ވެސް އެބަހުރި 3،000 އާއި 4،000 ހައުސިން ޔުނިޓް. އެހެންވެ އުންމީދު އެބައޮތް،" ތަޖުރިބާކާރު ވިޔަފާރިވެރިޔާ އާމިރު ވިދާޅުވި އެވެ.