ރަޝިއާ އާއި ޔުކްރޭންގެ ހަނގުރާމަ ފެށިއްޖެނަމަ ރާއްޖެއަށް ގެއްލުންވާނެތީވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެވަޑައިގެންފި އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔުކްރޭނާއި ރަޝިއާ ދެމެދު އުފެދިފައިވާ މައްސަލަތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޔުކްރޭނާއި ރަޝިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެ ގައުމު ކަމަށެވެ. އެހެންކަމުން އެ ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ ލަފާނުކުރެވޭ ނުރަނގަޅު ގެއްލުންތައް ރާއްޖެއަށް ލިބޭނެ ކަމަށެވެ. އެގޮތުން ކޮށްފާނެ ނޭދެވޭ އަސަރަކަށް ސަރުކާރުން ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާ އިން ދަނީ މި ހަފްތާގެ ތެރޭގައި ޔުކްރޭނަށް އަރައި އެ ގައުމު ހިސޯރުކުރުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ރަޝިއާ ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. ރަޝިއާ އިން ޔުކްރޭންގެ ބޯޑަރު ކައިރިއަށް ސިފައިން ޖަމާކުރީ ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެސް އެ ގައުމުން ބުނެ އެވެ.
އެމެރިކާ އިން ގެންދަނީ ރަޝިއާއާ ހަނގުރާމައެއް ފަށާނެ ގޮތެއް ހޯދަމުން ކަމަށާއި އެކަމަށް ޔުކްރޭން އިސްކޮށްގެން މަސައްކަތް ކުރަނީ އެމެރިކާ އިން ކަމަށްވެސް ރަޝިއާ އިން ބުނެ އެވެ.
ޔުކްރޭން ސަރުކާރުން ވެސް ބުނެފައިވަނީ ރަޝިއާ އިން އެ ގައުމު ހިފަން އުޅޭ ކަމުގެ ހެއްކެއް ނެތް ކަމަށާއި އެމެެރިކާއާއި ހުޅަނގުގެ ގައުމުތަކުން އުޅެނީ ކަންތައްގަނޑު ބޮޑުކޮށްލައިގެން ކަމަށެވެ.
ޔުކްރޭނާއި ރަޝިއާގެ މަސްރަހު ގޯސްވުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މިވަގުތު ދިވެހިން ޔުކްރޭނަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ޔުކްރޭންގައި ތިބި ދިވެހިންގެ ކަންތައްތައް ގާތުން ބަލަމުންދާ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ ޔުކްރޭންގައި ތިބި އެ ގައުމުގެ ރައްޔިތުން ޔުކްރޭނުން ފޭބުމަށް އިލްތިމާސްކޮށްފަ އެވެ.