އިމްތިޔާޒު ފަހުމީ

ޗެއާޕާސަންގެ އިންތިހާބު: އިންތި ފޯމް ހުށަހަޅުއްވައިފި

Feb 16, 2022

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ފޯމް ހުށައަޅުއްވައިފި އެވެ.

އިމްތިޔާޒުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް އިމްތިޔާޒު ފޯމް ހުށަހެޅުއްވީ އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ކަމަށް އިމްތިޔާޒު ވެސް ވަނީ ވިދާޅުވެފަ އެވެ. އިމްތިޔާޒާ ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާ ކެމްޕޭންގެ މަސައްކަތް ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. އެކަމަކު ފައްޔާޒު އަދި ފޯމް ހުށަހަޅުއްވާފައެއް ނުވެ އެވެ.

އިމްތިޔާޒުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސަވާފައި ވަނީ ވެސް އީވާގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އެވެ. ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންނަށް ތާއީދުކޮށް އޮތް އަންގައިދިނުމުގެ ގޮތުން ސޮއި ކުރަންޖެހޭ ފޯމްތަކުގައި ރައީސް ނަޝީދުގެ މަންމައާއި އާއިލީ ބޭފުޅުން ވަނީ ސޮއި ކުރައްވާފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިމްތިޔާޒު ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށެވެ. އަދި ފައްޔާޒު ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމަކަށެވެ.

އެމްޑީޕީގެ ޗެއާޕާސން ހޮވުމުގެ އިންތިހާބު ފޯރިގަދަ ވާނެ ކަމަށް ބެލެވޭއިރު ސޯޝަލް މީޑިއާގައި އިންތިގެ ސަޕޯޓަރުންނާއި ފައްޔާޒުގެ ސަޕޯޓަރުން ގެންދަނީ ވަރުގަދަ އަށް ކެމްޕޭން ކުރަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން ޒުވާނުންގެ ޔޫތު ވިންގު އަދި އަންހެނުންގެ ރޫހުގެ އިންތިހާބަށް ކުރިމަތިމަތިލުމުގެ ފުރުސަތު ހުޅުވާލީ އިއްޔެގެ ވަގުތެއްގަ އެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 22 ވަނަ ދުވަހު އިއުލާނު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭޕްރީލް 16 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ހަސަން ލަތީފް އެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ ފަސް އަހަރު ކުރިން ފެބްރުއަރީ 12، 2017 ގައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފަސް އަހަރު ވަންދެން ފުރުއްވި ހަމައެކަނި ބޭފުޅަކީ ވެސް ހަސަން ލަތީފް އެެވެ.