ކްރިމިނަލް ކޯޓުގައި މިހާރު ހުރި ވަސީލަތްތަކާއި މުވައްޒަފުންނާއެކު އެ ކޯޓުގައި ހުރި މައްސަލަތަކުގެ ބެކްލޮގް ސާފުކުރަން 16 އަހަރު ހޭދަވާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވި ވިދާޅުވުމާއި ގުޅިގެން ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުވާލެއް ކުރިމަތި ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ހިސާން މިއަދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ހައިލަމް ބަނީ ކްރިމިނަލް ކޯޓްގެ ގިނަ ދުވަސްވީ މައްސަލަތައް ނިންމަން 2019 ވަނަ އަހަރު އެ ކޯޓަށް ތިން މަހުގެ މުއްދަތެއް ޖޭއެސްސީން ދީފައިވާ ކަމަށެވެ. ހައިލަމް ވަނީ ކޯޓަށް އެ މުއްދަތު ދިނީ ޖޭއެސްސީގެ އެއްވެސް ޕްލޭނެއް ނެތި ތޯ ސުވާލު ކުރައްވާފައެވެ.
އަދި އެކަން ކުރީ ދިރާސާއެއް ނެތި ކަމަށް ގަބޫލުފުޅު ކުރައްވަނީތޯ ޖޭއެސްސީގެ ރައީސްއަށް އަމާޒުކުރައްވާ ހައިލަމް ސުވާލު ކުރެއްވިއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ވަނީ ޖޭއެސްސީ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހާޒިރުކޮށްފަ އެވެ. ކޮމިޓީއަށް އެ މުއައްސަސާތައް ހާޒިރުކޮށްފައި ވަނީ ޖިނާއީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ލަސްވާތީ އެކަންކަން ސާފުކުރުމަށެވެ. މި ދެ މުއައްސަސާގެ އިތުރުން ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުން ވަނީ ކޮމިޓީގައި ބައިވެރިވެފަ އެވެ.
މި މައްސަލައާއި ގުޅޭގޮތުން ހިސާން ވިދާޅުވެފައި ވަނީ 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން މަސައްކަތް ފެށިއިރު ބެކްލޮގްގެ ގޮތުގައި 2022 މައްސަލަ އޮތް ކަމަށެވެ. އޭގެ އިތުރުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 900 އާ މައްސަލަ ކޯޓަށް ހުށަހަޅާ ކަމަށެވެ. އެހެންކަމުން ކޯޓުން މަސައްކަތް ކުރަނީ ބެކްލޮގާއެކު އަދި އަލަށް ހުށަހެޅޭ މައްސަލަތާއެކު ކަމަށް ވިދާޅުވި އެވެ.
މިވަރުގެ ބޮޑު ބެކްލޮގެއް ކޯޓުގައި އޮތް ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ކަމަށް ހިސާން ވިދާޅުވި އެވެ. އެގޮތުން 2020 ވަނަ އަހަރުގެ ލޮކްޑައުންތެރޭ ކޯޓުން ނިންމީ ކޮންމެހެން ނިންމަންޖެހޭ މައްސަލަތަކާއި ނެރެން ޖެހޭ އަމުރުތައް ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން ކޮވިޑްގެ އެކި ވޭވްތައް އައިރު، ކޯޓުގެ މުވައްޒަފުންނަށް ކޮވިޑް ޖެހި ރަގަޅުވިއިރު ޖަލުތައް ލޮކްޑައުންއަށް ދިޔަކަން ފާހަގަކުރެއްވި އެވެ.
ހިސާން ފާހަގަކުރެއްވި ގޮތުގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރީ އެންމެ 168 ދުވަހު އެވެ. މިދިޔަ އަހަރު މަސައްކަތް ކުރެވުނީ 199 ދުވަހު ކަމަށެވެ.
"2018 ވަނަ އަހަރުން ފެށެގެން 2021 ވަނަ އަހަރާ ހިސާބަށް އައިއިރު އަދިކިރިޔާ ފުލް ކެޕޭސިޓީއާ އެކު އަޅުގަނޑުމެންނަށް ކްރިމިނަލް ކޯޓު މި ހިންގާލެވުނީ. އޭގެ މާނައަކީ 2018 ވަނަ އަހަރު ތިބީ ހަ ގާޒީ. މަދުވޭ އިތުރުވޭ. ހަޔަކުން ތިނަކުން ހަތަރަކުން މިހެން ބަދަލުވަމުން އައިސް 2019 ވަނަ އަހަރު އަޅުގަނޑުމެންނަށް ފަސް ގާޒީންނާއެކު މަސައްކަތް ކުރެވުނީ. ހަގީގަތުގަ 2020 ވަނަ އަހަރި ނިމުންއިރު ކްރިމިނަލް ކޯޓަށް 10 ޖަޖުންނާ އެކު ފަންގްޝަން ކުރެވެން މި ފެށުނީ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ މައްސަލައެއް ކޯޓަށް ވައްދާތާ ހަ މަސް ތެރޭގައި މައްސަލައެއް ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ތަސައްވަރު ނަމަވެސް އެހާ ބޮޑު ބެކްލޮގެއް އޮތުމުން އެގޮތަށް އަމަލު ނުކުރެވޭ ކަމަށެވެ. މިހާރު ވެސް ބެކްލޮގްގެ ގޮތުގައި 1182 މައްސަލަ އެބަ އޮތް ކަމަށް ފާހަގަކުރެއްވި އެވެ. އެހެންކަމުން 16 އަހަރުން ބެކްލޮގް ސާފުކުރަން ތިބެވެން ނެތް ކަމަށް ހިސާން ވިދާޅުވި އެވެ.
މިކަމަށް ހައްލު ގެނައުމަށް މިހާރު ހަދަމުން އަންނަ ޕްލޭންއަކީ ބްލޮކަށް މައްސަލަތައް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ. އެގޮތުން ރަސްމީ ގަޑީގެ އިތުރުން މެންދުރު 2:00 އިން ހަވީރު 5:00 އަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތަށް އެއް އަހަރު މަސައްކަތް ކޮށްގެން ބެކްލޮގްގެ 90 ޕަސެންޓް ސާފުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މި ޕްރޮޕޯސް ކުރާ ގޮތަކީ ކޮންމެ ދުވަހަކު ރަސްމީ ގަޑީގަ މިކުރާ މަސައްކަތުގެ އިތުރުން ދޭކުން ފަހަކަށް ކްރިމިނަލް ކޯޓު ހިންގަން އެއް އަހަރު ދުވަހަށް. އަޅުގަނޑުމެންނަށް އަންޑަސްޓޭންޑްވޭ މުވައްޒަފުންނަށް ވެސް ޕީޖީ އޮފީހުގެ ވަކީލުންނަށް ވެސް މުޅި ޖުޑިޝަރީގަ މި މަސައްކަތުގެ އުޅުއްވާ ބޭފުޅުން އެގްޒޯސްޓް ވާނެކަން،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިތުރު މުވައްޒަފުން ވެސް ބޭނުންވާނެ ކަމަށެވެ. އަދި އޯޓީގެ އިތުރަށް މުވައްޒަފުން ކުރާ މަސައްކަތަށް އެލަވަންސެއްް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިހެން އަމަލުކުރާނަމަ އެއް އަހަރު ދުވަހަށް އިތުރު 3.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވި އެވެ.
އަނެއް ގޮތަކީ ކޯޓަށް އިތުރު ގާޒީން ނެގުން ކަމަށާއި އެކަމަކު އެހެން އަމަލުކުރާނަމަ އަހަރަކު 5.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވި އެވެ. ގާޒީންނަކީ އަހަރު ދުވަހު މަސައްކަތް ނިންމުމަށްފަހު ވަޒީފާއިން ވަކިކުރެވޭނެ ބައެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވި އެވެ.
މިގޮތަށް މަސައްކަތް ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންގެ އެއްބާރުލުމާއި އެކީ ކަމަށް ހިސާން ވިދާޅުވި އެވެ. ޕީޖީ އޮފީހާއެކު މިކަމަށް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.