އަހުމަދު ހައިލަމް

"ގޮތް ނިންމުން ލަސްކުރަނީ ފަނޑިޔާރުގެ ކަރުގައި ހިފަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލުކަމަށް ރައުޔު ނެރުއްވި ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ މައްސަލައަށް ދެ އަހަރުވީއިރުވެސް ގޮތެއް ނިންމާފައި ނުވަނީ މިފަދަަ ދުވަހެއް އައުމުން ފަނޑިޔާރުުގެ ކަރުގައި ހިފުމުގެ ބޭނުމަކަށް ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކްރިމިނަލް ކޯޓުގެ ހުކުމް ދެމެހެއްޓި ނަމަވެސް، އެ މައްސަލާގައި ފަނޑިޔާރު ހުސެއިން ޝަހީދު އިއްވެވި ރައުޔު ތަފާތުވި އެވެ.

މިގޮތުން، ފަނޑިޔާރު ހުސެއިން ޝަހީދު ފާހަގަކުރެއްވި ގޮތުގައި ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންވެސް ހަމަހަމަވެގެންވާއިރު، ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ތަފާތު ކުރުމުގެ ދަށުން ކޮށްފައިވާ ދައުވާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާއަކީ ބާތިލުކުރަންޖެހޭ ހުކުމެއްކަމަށް ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވި އެވެ.

އެއާއެކު ފަނޑިޔާރު ހުސެއިން ޝަހީދުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވާކަމަށް ބުނެ އަޑުފެތުރިފައިވާއިރު، އެ ކޮމިޝަނުގެ ތަރުޖަމާނު މިއަދު އަވަސް އަށް ވިދާޅުވި ގޮތުގައި ފަނޑިޔާރު ހުސެއިން ޝަހީދުއާ ގުޅޭގޮތުން ބަލަމުން އަންނަ ދެ މައްސަލައަކީ 2019 ވަނަ އަހަރުން ފެށިގެން ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ.

މިގޮތުން، އެ އަހަރުގެ އޯގަސްޓު މަހާއި އޮކްޓޯބަރު މަހު ހުށަހެޅުނު މައްސަލަ ބަލަމުން އަންނައިރު، އޭގެ ތެރެއިން އެއް މައްސަލައިގެ ތަހުގީގު ނިމި، ފަނޑިޔާރު ޖަވާބުދާރީވެސްވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަނެއް މައްސަލާގައި ތަހުގީގު ނިމި، ފަނޑިޔާރު ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައިވާ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ ހަައިލަމް ވިދާޅުވީ މައްސަލަ ހުށައެޅުނު ފަހުން ދެ އަހަރުވީއިރު ގޮތް ނުނިންމާ އޮތީ މިފަދަަ ދުވަހެއް އައުމުން ފަނޑިޔާރުގެ ކަރުގައި ހިފުމުގެ ބޭނުމަކަށް ކަމަށެވެ.

ސަރުކާރު ބަދަލުވުމުން ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު އެ ކޮމިޝަނުން ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަތައް ބެލިއެވެ. އެތަށް ފަނޑިޔާރުންނެއް މަގާމުން ވަކިކުރަން ނިންމާ މަޖިލީހަށް އެ މައްސަލަ ފޮނުވިއެވެ. ބައެއް ފަނޑިޔާރުންގެ މައްސަލަތަކަށް ވަރަށް އަވަހަށް ގޮތް ނިންމާފައިވެއެވެ. ޖޭއެސްސީގެ މިނިވަން ކަމާމެދު މަގާމުން ވަކިކުރެއްވި ހުރިހާ ފަނޑިޔާރުން ސުވާލު އުފެއްދެވިއެވެ. އަދި އާންމުންގެ ތެރޭގައިވެސް ކޮމިޝަނަށް އޮތް އިތުބާރު ވަނީ ކުޑަވެފައެވެ.