ހަބަރު

ޖޭއެސްސީ ސިޔާސީވެފައިވާ ކަމަށް ވިދާޅުވެ، ހައިލަމް އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފާޑު ވިދާޅުވެ، އެކޮމިޝަނުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިމިނަލް ކޯޓުގެ މުވައްޒަފުންތަކެއް ހިމެނޭ ވައިބާ ގުރޫޕަކަށް ހައިލަމް ފޮނުއްވި ފޮޓޯއެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ބައިވެރިވި ބައެއް މީހުންގެ ކަރުގައި ވާ ޖަހާފައިވާ މަންޒަރު ހިމެނެއެވެ.

އެކަމާއި ގުޅިގެން ޖޭއެސްސީން ވަނީ ހައިލަމް ސަސްޕެންޑްކޮށް، ފަނޑިޔާރު ކަމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް ވަނީ ޖޭއެސްސީގެ އެ ނިންމުން ރަނގަޅުކަމަށް ނިންމައި، ހައިލަމް ފަނޑިޔާރު ކަމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފަ އެވެ.

ހައިލަމް ސަސްޕެންޑްކޮށްފައިވަނީ، އެ ފޮޓޯ ވައިބާ ގްރޫޕަށް ފޮނުވާލެވުނީ އޭގައި ހުރި އެއްޗެއް ރަނގަޅަށް ނުބަލާ ކަމަށާއި، އެކަމަށް މާފަށްވެސް އެދިފައިވަނިކޮށެވެ. އަދި އޭނާ ބައްލަވަމުން ގެންދެވި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމުގެ މަޖިލިސްވެސް ތާވަލްކޮށްފައިވަނިކޮށެވެ.

ހައިލަމް އިސްތިއުފާދެއްވައި ޖޭއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެކޮމިޝަނުން އޭނާއާބެހޭ ނިންމުންތައް ނިންމާފައިވަނީ، އޭނާ ބަޔާންކޮށްފައިވާ ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއް ނެތި ކަމަށާއި، ޖޭއެސްސީން އޭނާއާ މެދު ނިންމާފައިވާ ނިންމުންތައް ގާނޫނުއަސާސީ އާއި އެކޮމިޝަނުގެ ގާނޫނާ އެއްގޮތްވެގެން ނުވާކަމަށެވެ.

މީގެ އިތުރުން ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތްކުރަނީ އަދުލް އިންސާފު ގާއިމުކުރުމުގެ ނިޒާމު ސިޔާސީ ގޮތުން ވަކި މިސްރާބަކަށް ބައްޓަންކުރުމަށް ކަމަށާއި، ފަނޑިޔާރުކަމުން އޭނާ ސަސްޕެންޑްކޮށް، މަގާމުން ވަކިކުރަން ފޮނުވީ ވެސް ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

ހައިލަމްގެ އިސްތިއުފާގެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ޖޭއެސްސީން މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި ކަމަށާއި، އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ.

ގާޒީކަމުން ހައިލަމް އިސްތިއުފާ ދެއްވާފައިވަނީ، އޭނާ މަގާމުން ވަކި ކުރުމުގެ މައްސަލަ ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވަނިކޮށެވެ.