ތަޖުރިބާ ނެތް މީހުން ކޯޓުތަކަށް އައްޔަން ކުރަނީ ޖޭއެސްސީން ބޭނުންވާ ގޮތަށް އެމީހުން ލައްވާ ހުކުމް ކުރުވަން ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ބޭފުޅުން ވަނީ އައްޔަން ކޮށްފައެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ހާތިފް ހިލްމީ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރައްވާފައި ވަނީ އަހުމަދު ޝަކީލެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓަށް މިއަދު ވަނީ ގދ. މަޑަވެލި ރީގަލް، ސަފްއަތު ވަނީ އައްޔަން ކުރައްވާފައެވެ. ހައިލަމް ފާޑުވިދާޅުވީ ސަފްއަތަށެވެ.
އެކަމަަށް އިޝާރާތް ކުރައްވާ ހައިލަމް ވިދާޅުވީ ކްރިމިނަލް ކޯޓަަށް އައްޔަން ކުރެއްވި ސަފްއަތަށް އެ މަގާމު ލިބިވަޑައިގަތީ ސުޕްރީމް ކޯޓު ފަނޑިޔާރު މަހާޒުގެ ކޮއްކޮ އަކަށް ވީތީ ކަމަށެވެ. އެއީ އެއްވެސް ކޯޓެއްގައި ދުވަހަކު ވަކާލާތުކުރި ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"ތަޖުރިބާ ނެތް މީހުން ކޯޓުތަކަށް އައްޔަން ކުރަނީ ޖޭއެސްސީން ބޭނުންވާ ގޮތަށް އެމީހުން ލައްވާ ހުކުމް ކުރުވަން،" ހައިލަމް ވިދާޅުވިއެވެ.
ޖޭއެސްސީން ބުނީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމަށް އިއުލާނު ކުރުމުން ކުރިމަތިލެއްވި ބޭފުޅުންނާއި "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަވިއު ކުރުމަށްފަހު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި އެ ދެބޭފުޅުން އައްޔަން ކުރުމަށް ލަފާދެއްވާފައިވާ ކަމަށެވެ.