ޓޫރިޒަމް

ފަތުރުވެރިކަމުގެ ރަންޔޫބިލް ސްޓޭމްޕް ތައާރަފްކޮށްފި

Feb 16, 2022
1

ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު 50 އަހަރު ފުރޭތީ ރަންޔޫބިލް ފާހަގަކުރުމަށް ސްޓޭމްޕެއް ތައާރަފްކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓޭމްޕް ތައާރަފްކޮށްދެއްވީ ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހްމަދު މުޖުތަބާ އާއި، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްދެއްވި ޔުނިވާސަލް ގުރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި، ޗަމްޕާ ގުރޫޕްގެ އެއް ހިއްސާދާރު ހުސައިން އަފީފާއި، މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ޖޯޖް ކޯބިން އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ސްޓޭމްޕް ތައާރަފް ކުރެވިގެން މިދިޔައީ ވެސް ފަތުވެރިކަމުގެ ހާއްސަ ދުވަހެއްގައި ކަމަށެވެ. އެގޮތުން މިއަދަކީ ރާއްޖެއަށް ފަތުރުވެރިންގެ ފުރަތަމަ ގުރޫޕް އައި ދުވަސް ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަންޔޫބިލްގެ އަހަރު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ފަހަރު ހަރަކާތެއް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ހުޅުވީ އޮކްޓޫބަރު 3، 1972 ގައި ވިހަމަނާފުށީގަ އެވެ. މިހާރުގެ ގޮތުންނަމަ އެއީ ކުރުނބާ މޯލްޑިވްސް އެވެ.