ޓޫރިޒަމް

ކޮމަންޑޫ ދާއިރާގެ ތިން ރަށް ލިސްޓުން އުނިކޮށްފި

Feb 17, 2022
5

ރިސޯޓު ހަދަން ސަރުކާރުން ބީލަމަށްލާފައިވާ 21 ރަށް ހިމެނޭ ލިސްޓުން ށ. ކޮމަންޑޫ ކައިރީގައިވާ ތިން ރަށް އުނިކޮށްފި އެވެ.

އުނިކުރި ތިން ރަށަކީ ށ. ދިގުރަށާއި، ށ. މައިރަށާއި އަދި ށ. މެދުރަށެވެ.

ދުބާއީގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް އެކްސްޕޯގައި ރިސޯޓު ހަދަން ސަރުކާރުން އެންމެ ފުރަތަމަ އިއުލާން ކުރީ 18 ރަށެވެ. އެ ރަށްތަކުގެ ތެރޭގައި ށ. ދިގުރަށާއި، ށ. މައިރަށާއި އަދި ށ. މެދުރަށް ނުހިމެނެ އެވެ. އެ ތިން ރަށް ލިސްޓަށް ކުއްލި ގޮތަކަށް އިތުރުކުރީ ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށެވެ.

ސަރުކާރުން އެންމެ ފުރަތަމަ އިއުލާން ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުގެ އެންމެ ރަށެކެވެ. ށ. ކުޑަޅައިމެންދޫ އެވެ.

ލިސްޓުން ތިން ރަށް އުނިކޮށްފައި މިވަނީ އެ ރަށްތައް ކުއްޔަށް ދޫކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އާދިއްތަ ދުވަހު އަމުރެއް ކޮށްފައި ވަނިކޮށެވެ. އެ އަމުރު ނެރުނީ ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޕްރިމިއާ އިކުއިޓީގެ ދައުވާގައި ބުނެފައިވަނީ ށ. ދިގުރަށާއި، ށ. މައިރަށާއި އަދި ށ. މެދުރަށަކީ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ސަރުކާރުން އެ ކުންފުންޏަށް ދިނުމަށް ނިންމާފައިވާ ތިން ރަށް ކަމަށެވެ. އެހެންކަމުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި މެދު ގޮތެއް ނުނިމެނީސް އެރަށްތައް އެހެން ބަޔަކަށް ކުއްޔަށް ދިނުން ހުއްޓުވައިދިނުމުގެ އަމުރަކަށް ވެސް އެދިފައިވެ އެވެ.

ދައުވާގައިވާ ގޮތުން ޕްރިމިއާ އިކުއިޓީ އަށް ށ. އަތޮޅުގެ ތިން ރަށް ދިނުމަށް ސަރުކާރުން އެއްބަސްވީ އެ ކުންފުނިން ރިސޯޓް ހަދަން ދޫކުރި ލ. ގަސްފިނޮޅާއި ލ. ބޮޑުފިނޮޅުގައި އަމިއްލަ މީހެއްގެ ބިމެއް އޮތުމުން އެ ތަނުގައި މަސައްކަތް ކުރެވެން ނެތުމުން އެ ރަށްތަކުގެ ބަދަލުގަ އެވެ. އެކަމަކު 2008 ވަނަ އަހަރު ޖެހުނު އެ މައްސަލައާއި ގުޅިގެން ށ. އަތޮޅުގެ ތިން ރަށް ޕްރިމިއާ އިކުއިޓީ އަށް ދިނުމަށް އެއްބަސްވުމެއް ހެދިފައި ނެތް ކަމަށް ދައުލަތުން ބުނެ އެވެ.

ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކޯޓުގައި އޮތް މައްސަލައިގައި ގޮތެއް ނުނިމެނީސް ތިން ރަށް އެހެން ބަޔަކަށް ކުއްޔަށް ދީފިނަމަ ޕްރިމިއާ އިކުއިޓީއަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ. އެހެންވެ ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރު ނެރެފައިވަނީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ރަށްތައް އެހެން ބަޔަކަށް ކުއްޔަށް ނުދިނުމަށެވެ.

ރިސޯޓް ހަދަން ހުޅުވާލި ރަށްތަކަށް ބީލަން ހުށަހަޅަން ހުޅުވާލި މުއްދަތަށް 23 ދުވަސް އިތުރުކޮށް، ބިޑް ފޮތް ގަތުމަށް ވެސް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.