ސަރުކާރުން ގާނޫނާއި ހިލާފަށް ނ. އަތޮޅުގެ ދެ ރަށެއް ދިގު މުއްދަތަކަށް ޓޫރިޒަމަށް ދޫކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އެ އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
ނ. ކެނދިވަރު ދޮނައެރިކަނޑޫދޫ ދިގު މުއްދަތަކަށް ޓޫރިޒަމްގެ ބޭނުމަށް ވިއްކުމަށް ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެ އަތޮޅު ކައުންސިލުން ރައީސް އޮފީހުގެ މައްޗަށް ކުރި ދައުވާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތީ ކެނދިވަރަކީ ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށެއް ކަމުގައި ވާތީ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
މިގޮތުން މި މައްސަލައިގައި ތިން ވަނަ ފަރާތެއްގެ ހައްގު ހިމެނުމާއިއެކު، އެ ފަރާތުގެ ހައްގަށް ރިއާޔަތް ނުކޮށް ނެރޭ އަމުރަކުން އެ ކުންފުންޏާއި ދައުލަތަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.
ދޮނަހިރިކަނޑޫދު ވަނީ ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އަށް ދޭން ނިންމާފައިވާ ރަށެކެވެ. މިއީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދައި ހިންގުމަށް ސަރުކާރާއި އޭޑީއެފްޑީއާއި ދެމެދު 2017 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެކެވެ.
މީގެ އިތުރުން ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ލާމަރުކަޒީ ނިޒާމުގައި އަތޮޅު ކައުންސިލްތަކުގެ ދައުރަކީ ދައުލަތުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ދައުލަތުގެ އިދާރާތަކާއި އެއް ސަފެއްގައި ރައްޔިތުންނަށް ފައިދާހުރި މަގުން ކުރިއަށް ދިއުން ކަމަށެެވެ. އަދި ދައުލަތާއި އަތޮޅު ކައުންސިލާއި މެދު ހިޔާލުތަފާތުވުމެއް އުފެދިފައިވާނަމަ މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދަން ކައުންސިލުން މަސައްކަތް ކޮށްފައިވާކަން ދައުވާއިން ސާބިތުވާން ޖެހޭނެ ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުން މަަސައްކަތްކޮށްފައިވާކަން އެނގޭނެ ލިޔުމެއް ދައުވާއާ އެކު ހުށަހަޅާފައި ނެތްކަން ސިވިލް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ރައީސްގެ ގަރާރަށް ގޮންޖަހައި ނ. އަތޮޅު ކައުންސިލުން އިތުރު ގަރާރެއް ނެރެފައިވާ ކަމަށާއި މި މައްސަލައިގައި އަދިވެސް މަޝްވަރާކުރުމުގެ ފުރުސަތު އޮތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެ އެވެ.
މި މައްސަލައާއި ގުޅިގެން ނ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ބަޝީރު މީގެ ކުރިން އަވަސް އަށް ވިދާޅުވީ އެ އަތޮޅުގެ ރަށްތައް ދިގު މުއްދަތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ވިއްކުމަށް ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި މި ރަށްތަކަކީ މުނިފޫހިފިލުވުމަށް ދަތުރުދިޔުން ފަދަ ބޭނުންތަކުގައި ރައްޔިތުން ބޭނުންކުރާ ތަންތަން ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ.