މިނިސްޓްރީ އޮފް ޓޫރިޒަމް

ކްރޮސް ސަބްސިޑީއަށް ރަށް ދިނުން ލުއިކޮށްދީފި

ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް ދޭން އެއްބަސްވާ ގޮތަށް ކުއްޔަށް ދޫކުރާ ރަށްތަކުގެ ކުލީގެ ގޮތުގައި މަދުވެގެން އެއް މިލިއަން ޑޮލަރު ދިނުމަށްފަހު އެރަށްތަކުގައި މަޝްރޫއުތައް ހިންގުމަށް ހުއްދަ ދޭ ގޮތަށް 'ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު' އިސްލާހުކޮށްފި އެވެ.

ގަވާއިދުގައި ކުރިން އޮތް ގޮތުން ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ދައުލަތުން ކުއްޔަށް ދޫކުރާ އިރު އެތަނެއް ހިންގުމަށް ހުއްދަ ދޭނީ ހަވާލުވާ މަސައްކަތް ނިންމުން ނުވަތަ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމަން ބޭނުންވާ ޖުމްލަ ފައިސާ މަޝްރޫއު ހިންގާ ފަރާތުން ދައުލަތަށް ދިނުމުންނެވެ.

މިހާރު ގެނެވުނު ބަދަލާއެކު މަޝްރޫއާ ހަވާލުވާ ފަރާތުން ކަނޑައަޅައިފައިވާ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން މަދުވެގެން އެއް މިލިޔަން ޑޮލަރު ދައުލަތަށް ދައްކައިގެން ކޮރޮސް ސަބްސިޑީ ގެ ގޮތުގައި ދޫކުރާ ރަށްތަކުގައި ހިންގަން ބޭނުންވާ މަޝްރޫއު ހިންގަން ޓޫރިޒަމް މިނިސްޓްރީން ހުއްދަދޭނެ އެވެ.

ސަރުކާރުގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސް ދޭން އެއްބަސްވާ ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ހަ ރަށެއް ކަނޑައަޅައި އެ ރަށްތައް ޓޫރިޒަމް މިނިސްޓްރީން ވަނީ މިމަހު އިއުލާންކޮށްފައެެެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ކުއްޔަށް ދޫކުރަން އިއުލާނުކުރި ހަ ރަށަކީ ށ. ކުޑަޅައިމެންދޫ، ނ. ކުންނަމަލެއި، ޅ. މެއްޔަފުށި، ތ. ދިއްފުށި، ތ. ކަޅުފަހަލަފުށި އަދި ގއ. ފުލަނގި އެވެ.

އެ ރަށްތައް ދޫކުރަން ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދަން އިއުލާނުކޮށްފައިވާ އެއާޕޯޓްތައް ހަދައިދޭ ކުންފުނިތަކަށެވެ.