ސިވިލް ކޯޓް

ސަރުކާރުން ރަށްތައް "ވިއްކާތީ" ނ. އަތޮޅު ކައުންސިލުން އަނެއްކާވެސް ކޯޓަށް

ސަރުކާރުން ގާނޫނާއި ހިލާފަށް ނ. އަތޮޅުގެ ރަށްތަކެއް ދިގު މުއްދަތަކަށް ޓޫރިޒަމަށް ދޫކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވާ ދިނުމަށް އެދި އެ އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ނ. ކެނދިވަރު އަދި ދޮނައެރިކަނޑޫދޫ ދިގު މުއްދަތަކަށް ޓޫރިޒަމްގެ ބޭނުމަށް ވަކި ބަޔަކަށް ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ނ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ އެ އަތޮޅުގެ ރަށްތައް ދިގު މުއްދަތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ވިއްކުމަށް ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ގާނޫނާއި ހިލާފަށް ކަމަށެވެ.

"ރަށްތައް ވިއްކަން ނިންމިއިރު ސަރުކާރުން އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާއެއް ނުކުރޭ. ޓުއަރިޒަމް މަސައްކަތްތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ކުރާ ޓްރާންސްޕޭރަންޓް މަސައްކަތްތެއް ނޫންތޯ؟ އެހެންވީމަ ފޭރިގަނެގެން އެ ރަށްތައް ވިއްކަން ސަރުކާރުން އުޅެންވީ ކީއްވެތޯ؟،" ބަޝީރު ވިދާޅުވި އެވެ.

ނ. އަތޮޅު ކައުންސިލުން މި ދެރަށުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ކައުންސިލުގެ ބައްދަލުވުމެއްގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ހަތް މެންބަރުންގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކޮށްގެންނެވެ.

ނ. އަތޮޅުގެ ރައްޔިތުންނާއި ކައުންސިލްގެ ރުހުން ހޯދައިގެން މެނުވީ ދިގު މުއްދަތަށް އެ އަތޮޅުގެ ރަށްރަށާ ފަޅުތައް ދޫނުކުރުމަށާ އެކަން އެގޮތަށް ކުރިއަށް ނުގެންދިއުމަށް ސަރުކާރަށް ގޮވާލައި އެ ކައުންސިލުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ގަރާރެއް ވެސް ފާސްކޮށްފައިވެ އެވެ.

މި ރަށްތަކަކީ މުނިފޫހިފިލުވުމަށް ދަތުރުދިޔުން ފަދަ ބޭނުންތަކުގައި ރައްޔިތުން ބޭނުންކުރާ ތަންތަން ކަމަށްވެސް މި ގަރާރުގައި ބުނެފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ކައުންސިލްގެ ރައީސް ބަޝީރު ވިދާޅުވީ އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ރައްޔިތުން އެ ރަށްތައް ބޭނުންކުރަމުން ދަނިކޮށް އެ ރަށްތައް ދިގު މުއްދަތަކަށް ވިއްކާލަން ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ރުހުމާ ނުލާ ކުރާ ކަމަކުން ފައިދާ ނުކުރާނެ ކަން ވެސް ބަޝީރު ފާހަގަކުރެއްވި އެވެ.

"އެ ބޭފުޅުން މިފަދައިން ގާނޫނާ ހިލާފަށް ރަށްތައް ޓޫރިޒަމަށް ވިއްކާއިރު ރައްޔިތުން ދަނީ މި ތަންތަން ބޭނުންކުރަމުން. މި ރަށްތަކުގެ މާކެޓިންއަށް ނޭދެވޭ އަސަރުކުރާނެ މިފަދައިން ރައްޔިތުންގެ ނުރުހުމުގައި ވިއްކަންޏާ،" ބަޝީރު ވިދާޅުވި އެވެ.

ނ. އަތޮޅުގެ ރަށްތައް ވިއްކަން މަސައްކަތްކުރާ އިދާރާތަކާއި މުވައްޒަފުންނާއި ދެކޮޅަށް ވެސް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ބަޝީރު ވިދާޅުވި އެވެ.

ނ. ކެނދިވަރު އަދި ދޮނައެރިކަނޑޫދޫ މައްސަލަ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، ނ. ތޮޅެންދޫ ވެސް އަތޮޅު ކައުންސިލްގެ މަޝްވަރާ ނެތި ޓޫރިޒަމަށް ދޫކުރަން އުޅުމުން އެ އަތޮޅު ކައުންސިލުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. މިގޮތުން ސިވިލް ކޯޓާއި ހައި ކޯޓުން ވަނީ އެފަދައިން އެ ރަށް ދޫނުކުރެވޭނެ ކަމަށް ނިންމާފަ އެވެ. މި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ނ. ކެނދިވަރު އަދި ދޮނައެރިކަނޑޫދޫ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު ގިރާވަރުފަޅު ތަރައްގީކުރަން ނ. އަތޮޅުގެ ފަޅެއް 22 މިލިއަން ޑޮލަރު -- 339 މިލިއަން ރުފިޔާއަށް ވަނީ ވިއްކާލާފަ އެވެ. ނ. އަތޮޅުގެ އެ ފަޅު ވިއްކާލީ ސުވިޒަލޭންޑްގެ ކުންފުންޏަކަށެވެ.