އެމްޓީސީސީ

ސެޕްޓެމްބަރުގެ ކުރިން މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަނީ

މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާނެކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަވަސްއަށް ވިދާޅުވީ ބަސްތައް ގެންނާނީ ޗައިނާއިން ކަމަށާއި އަދި ބަސްތައް ސެޕްޓެމްބަރުގެ ކުރިން މާލެ ގެނެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަމާޒަކީ ބަހުގެ ހިދުމަތް މިހާރަށް ވުރެ ފުޅާކޮށް އަދި ކޮންމެ 10 މިނެޓަކުން މީނީ ބަހުގެ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށެވެ.

"މިނީ ބަސްތަކުގެ ރޫޓް އުޅޭނީ މަޖީދީ މަގާ، ފޮރިން މިނިސްޓްރީ މަގާ، އަމީނީ މަގު ފަދަ ބޮޑެތި މަގުތަކުން" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ މާލެއަށް މިނީ ބަސްތައް ގެންނައިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭނުންކުރާ ބަސްތަކާއި ލ. އަތޮޅާއި އައްޑޫ ސިޓީއާއި ފުވައްމުލަަކަށް ބޭނުންވާ ބަސްތައް ވެސް ގެންނާނެ ކަމަށެވެ. އެގޮތުން ޖުމްލަ 30 އަށް ވުރެ ގިނަ ބަސް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ބަސްތައް ގެނައުމަށް އެމްއޯޔޯއެއްގައި ސޮއިކޮށްފައިވާ ކަމަށާއި އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި މި މަހު ސޮއިކުރެވޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އެކަމަށް ބޭނުންވާ ބަޖެޓުވެސް ހަމެޖެހިފައިވާ ކަމަުގެ ޔަގީންކަން ދެއްވި އެވެ.

މާލޭގައި މިނީ ބަސް ތައާރަފްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް މި ސަރުކާރަށް ތިން އަހަރުވީ އިރުވެސް ވައުދު އޮތީ ނުފުއްދި އެވެ. ވައުދު ފުއްދުން ލަސްވަނީ ބަޖެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލުކުރީ ހަތަރު މަސް ތެރޭގައި ހިދުމަތް ތައާރަފް ކުރާށެވެ