އާދަމް އާޒިމް

އާޒިމް މަގާމުން ދުރުކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ދައުލަތުގެ ކުންފުނި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މަގާމުން ދުރުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ޖާބިރު ހުށަހަޅުއްވި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވީ އެއްމެ މެމްބަރެކެެވެ. ނުފެންނަކަމަށް 28 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް އެއް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ އެކި އެކި ދާއިރާތަކުގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ ފަރާތްތަކުގައ އެ ސިފަތައް ނެތް ކަމަަށެވެ.

އެހެންވެ އެފަދަ މީހުންގެ ސަބަބުން ދައުލަތް ފަލީހަތްވަމުންދާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އެގޮތުން އެމްޓީސީސީ ހިންގުމާ ހަވާލުކުރެވިފައިވާ އާދަމް އާޒިމްގެ ފަރާތުން ފެންނަމުން ދަނީ އޭނާގެ މަސްލަހަތު އޮންނަ އޭނާގެ ބޭބެގެ ސިޔާސީ ޕާޓީ އެމްއެންޕީއަށް ނާޖާއިޒް ގޮތެއްގައި މަންފާ ހޯދައިދެމުންދާ މަންޒަރު ކަމަށާއި އަދި އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކި އެކި ޕްރޮޖެކްޓްތައް ވެސް އޭނާއާ ގުޅުން އޮންނަ ފަރާތްތަކަށް ދީ އޮޅުވާލުމާއި ޓެކުން ފަދަ ޖަރީމާތައް ހިންގައި ކުރީގެ ސަރުކާރުގެ ނާއިބު ރައީސް އަހުމަދު އަދީބު ފަދައިން އަމިއްލަ ޖީބު ފުރަމުންދާ މަންޒަރު ކަމަށެވެ" ޖާބިރު ވިދާޅުވި އެވެ.

އެހެންކަމުން އާޒިމް ސަރުކާރުގެ ސިޔާސަތުތަކުން ބޭރުން އާޒިމް ވައްކަމާއި އަމިއްލަ މަންފާއަށް މަސައްކަތް ކުރަމުންދާތީ އޭނާ މަގާމުން ދުރުކުރަން ގޮވާލެއްވި އެވެ.