ބަޖެޓް 2025

ކަައުންސިލްތަކުގެ ބްލޮކް ގްރާންޓް ކުޑަކުރުމުން މޭޔަރުން ކަންބޮޑުވެއްޖެ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓާމެދު ރާއްޖޭގެ ސިޓީތަކުގެ މޭޔަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބަޖެޓާމެދު މޭޔަރުން ކަންބޮޑުވުން ފާޅުކުރީ ކަައުންސިލްތަކުގެ ބްލޮކް ގްރާންޓް ކުޑަކުރުމުންނެވެ. ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުންނަކީ އެމްޑީޕީ މެންބަރުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ޤާނޫނު، ވުޖޫދުން ފޮހެލަންކަން، ސަރުކާރުގެ އަމަލުތައް ހުރިގޮތުން ދޭހަވާ ކަމަށެވެ.

ސަރުކާރުގެ ނިންމުންތައް ހުރިގޮތުން، ލާމަރުކަޒީ ޤާނޫނަށް އަމަލުކުރަން ބޭނުން ނުވާކަން ފެންނަމުންދާ ކަމަށްވެސް އާދަމް އާޒިމް ވިދާޅުވި އެވެ.

"ލާމަރުކަޒީ ޤާނޫނުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ހިދުމަތްތައް ފޯރުކޮށް ދިނުމަށް، ކައުންސިލްތަކުން ހުށަހެޅި ފައިސާ ބޮޑުބައެއް ބަޖެޓުން ވަނީ އުނިކޮށްފައި. މިއީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުން، ރައްޔިތުން މަހުރޫމްކުރުމަށް ރާވައިގެން ކުރާ ކަންކަކަމުގެ ތެރެއަށް އިތުރުވި ބޮޅެއް،" އާދަމް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާމަރުކަރީ ގާނޫނުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ހިދުމަތް ދިނުމަށް، ބަޖެޓްގައި ހިމަނާފައިވާ ފައިސާ އުނިކުރުމުގެ ބާރު، ސަރުކާރަށް ނޯންނާނެ ކަމަށެވެ.

އެހެންކަމުން މި ފަދަ ކަންކަން އިސްލާހުކުރުމަށް ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ.

"ބަޖެޓް ތައްޔާރު ކޮށްފަވަނީ ލާމަރުކަޒީ ގާނޫނާހިލާފަށް. ގާނޫނާ އެއްގޮތަށް ބަޖެޓް އެކުލަވާލުމަށް ގޮވާލަން،" އާޒިމް ވިދާޅުވި އެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރުވެސް ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ކައުންސިލްތަކަށް ލިބެންޖެހޭ ބަޖެޓު ކުޑަކޮށްފައިވާތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ނިޒާރު ވިދާލުވީ އަތޮޅުތަކުގައި ތަރައްގީގެ ގޮތުގައި ގާކޮޅެއްވެސް ގުޑުވާނުލެވި 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓްއަށް ހުށައެޅި 50 ބިލިއަނެއްހާ ރުފިޔާ ހުސްވެ އަދި ކުރިއާލާ އެއްވެސް އިޝާރާތެއްނެތި ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ލިބެންޖެހޭ ބަޖެޓް ކުޑަކޮށް މަޖިލީހަށް ހުށަހެޅުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

"ހުށައެޅިފައިވާ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރަވެސް ދެވޭނެ ގޮތެއް ނުވިސްނޭ. ރާއްޖޭގެ މާލީހާލަތު ސަރުކާރުން ހާމަނުކުރާއިރު އަދި ހަރަދު ކުޑަކުރުމަށް އަމުދުން ފިޔަވަޅެއް ނާޅާއިރު މިޒާތުގެ މާލީ ސިޔާސަތަކީ ތަފާތުކުރުމާއި އޮޅުވާލުން ކަމަށް ގަބޫލުކުރަން،" ނިޒާރު ވިދާޅުވި އެވެ.

ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގުވެސް ވަނީ އެ ސިޓީގެ ކައުންސިލްގެ ބަޖެޓުން 17 މިލިއަން ރުފިޔާ މަދުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

"ރަށްފުށުގެ ކުރިއެރުމާއި ތަރައްގީއަށް ކައުންސިލްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ބަޖެޓް ކަނޑާލުމަކީ ކަންބޮޑުވާ ކަމެއް،" އިސްމާއީލް ރަފީގު ވިދާޅުވި އެވެ.

އޭނާ ވަނީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓު އެކަށީގެންވާ ވަރަށް ބޮޑުކުރުމަށް ގޮވާލާފަ އެވެ.

ބަޖެޓާމެދު ކަންބޮޑުވުންފާޅު ކުރައްވާ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ ފަސް ޕަސެންޓަށް ބަލާނަމަ، 2025 ވަނަ އަހަރު ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ގޮތުގައި 2.83 ބިލިޔަން ރުފިޔާ ބަޖެޓްގައި އޮންނަންވާނެ ކަމަށެވެ.

"އެހެން ނަމަވެސް ހުށަހަޅާފައިވާ ބަޖެޓްގައި ކައުންސިލްތަކަށް އޮތީ 1.4 ބިލިޔަން ރުފިޔާ. މިއީ ދޭންޖެހޭ އަދަދުގެ ގާތްގަނޑަކަށް 50 ޕަސެންޓް މަދު އަދަދެއް،" އާތިފު ވިދާޅުވި އެވެ.

މިހާރު ބަޖެޓް އޮތްގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އަންނަ އަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި އޮތީ 32 މިލިއަން ރުފިޔާކަން ފާހަގަކުރައްވާ އާތިފު ވިދާޅުވީ މިއީ މި އަހަރު ލިބުނު ބަޖެޓަށްވުރެ 22 މިލިއަން މަދު އަދި އަންނަ އަހަރު ލިބެންޖެހޭ އަދަދަށްވުރެ ގާތްގަނޑަކަށް 30 މިލިއަން މަދު އަދަދެއްކަން ފާހަގަކުރައްވާފަ އެވެ.

"ސަރުކާރުން ހުށަހަޅާފައިއޮތް ބަޖެޓް އެގޮތަށް ފާސްކޮށްފިނަމަ، ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ފޫބައްދާންވެސް ގޮންޖެހުންތަކެއް ހުންނާނެ،" އާތިފު ވިދާޅުވި އެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތައް ނުކުރެވޭ ވަރަށް ބަޖެޓު ކުޑަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ކުރިންވެސް ދެމުންއައި ގޮތަށް ޖުމްލަ ބަޖެޓުގެ ފަސް ޕަސެންޓަށް ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ބޮޑުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އޭނާ ގޮވާލެއްވި އެވެ.