ރައްޔިތުންގެ މަޖިލިސް

ޕައިލެޓް ކޯހުގެ ފީއަށް މިލިއަނެއްހާ ރުފިޔާ

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީއިން ހިންގާ ޕައިލެޓް ކޯހުގެ ފީ ގެ ގޮތުގައި މިލިއަނަކާ ގާތްކުރާ އަދަދެއް ކަނޑައަޅައިފި އެވެ.

އެ އެކެޑެމީން މިއަދު ކުރި އިއުލާނެއްގައި ވަނީ ޕައިލެޓް ކޯހުގެ ފީތައް ހާމަކޮށްފަ އެވެ.

އެގޮތުން ޕައިލެޓް ކޯސް އިންޓަގްރޭޓެޑްކޮށް ކިޔަވާނަމަ ކޯސް ފީގެ ގޮތުގައި 58،007 ޑޮލަރު ނުވަތަ 894،468 ރުފިޔާ ރުފިޔާ އަދި މޮޑިއުލާކޮށް ކިޔަވާ ނަމަ 59،626 ޑޮލަރު ނުވަތަ 919،479 ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިން ފްލައިން ސްކޫލެއް ހިންގުމަށް ފަހު އެ ސްކޫލުގެ އެއްބަސްވުން ސަރުކާރުން އާ ނުކޮށްދިނުމުން ފަހުން އެ ތަނާ ހަވާލުވެ ރީ ބްރޭންޑްކޮށް މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެވެ. މި އެކެޑަމީ ހިންގަނީ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާ ގުޅިގެން ނެވެ.

ކުރިން އޭއޭއީން ކިޔެވި ދަރިވަރުންގެ ކިޔެވުން މެދުކެނޑި ގިނަ ދުވަސްތަކެއް ވެފައިވާތީ އޭވިއޭޝަން އެކެޑަމީން މިހާރު ދަނީ އެ ދަރިވަރުންނަށް ރިފްރެޝިން ކޯހެއް ހިންގަމުން ނެވެ. މިއީ އެއީ ދަރިވަރުން ޓްރެއިނިންއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމުގެ ސަބަބުން ދަރިވަރުންނަށް ތަމްރީނު ލިބިފައިހުރި މިންވަރު ވަޒަންކުރުމުގެ ގޮތުން ހިންގާ ކޯހެކެވެ. އެ ކޯހުގައި ކިޔަވަން ލޯނުވެސް ދޫކޮށްފައި ވެއެވެ.

އޭއޭއީގަިއ ކުރިން ކިޔެވި ދަރިވަރުން މިހާރު ދަނީ ދަރިވަރުންގެ ކޯސް ނުނިމި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން މަސައްކަތްވެސް ފަށައިފަ އެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ގައެވެ.

ފްލައިން ސްކޫލުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު އެ ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑިފައިވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އަދި ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް ސްކޫލުގައި ހިންގުމަށް ނިންމާފައިވެ އެވެ. އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވާ ފްލައިން ސްކޫލުގެ ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ.