ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ކުރިމަތިވެފައިވާ މާލީ ހާލަތުގެ ސަބަބުން މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން މިމައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މިމައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. މިމައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ މަޖިލީހުގެ ނިޒާމުން ބޭރުކޮށްފަ އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ އައިލެންޑް އޭވިއޭޝަނަށް 2020 ވަނަ އަހަރު 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވާ ކަމަށެވެ. އަދި މިދިޔަ އަހަރުވެސް އެ ކުންފުންޏަށް 159 މިލިއަން ރުފިޔާގެ ގެއްލުންވެ، ކުންފުނި މިއިން ޒަމާނަކުވެސް ދަރަނިވެރި ނުވާވަރަށް ދަރަނިވެރިވެފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން 2020 ވަނަ އަހަރު މޯލްޑިވިއަން އިން 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގައި، މައި ކުންފުނި -- އައިލެންޑް އޭވިއޭޝަން ސާވިސްއަށް، އެސްބީއައި އިން ދޫކޮށްފައިވާ އޯވާ ޑްރާފްޓް ފެސިލިޓީގެ އަދަދު 46.2 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި ލޯންތައް ނެގުމަށް މޯލްޑިވިއަންގެ ހަ މަތިންދާ ބޯޓު ރަހުނުކޮށްފައިވާތީއާއި އެމްއޭސީއެލްއަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހިފައިވާތީ އައިލެންޑް އޭވިއޭޝަން މިހާރު ހިންގަމުންދަނީ ފިނޭންސް މިނިސްޓްރީން 18 މިލިއަން ރުފިޔާ އިތުރަށް ދީގެން ކަމަށްވެސް މައްސަލައިގައި ބުނެފައިވެ އެވެ.
އައިލެންޑް އޭވިއޭޝަންގެ ހާލަތު ދަށުދަރަޖައަކަށް ވެއްޓުމުގެ ސަބަބުން މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލްއަގްވާމީ މިންގަނޑުތަކުން ދަމަހައްޓަންޖެހޭ އަދި ހިފަހައްޓަންޖެހޭ ކަންކަން ނުހިފެހެއްޓި ފަހަކަށް އައިސް މަތިންދާ ބޯޓުތަކަށް ގިނަ ޓެކްނިކަލް މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް ކުއްލި މައްސަލައިގައި ތުހުމަތުކޮށްފައިވެ އެވެ. މަތިންދާ ބޯޓުގެ ޓަޔަރުތައްވެސް ބަދަލުކުރަންޖެހޭ މުއްދަތަށް ބަދަލުނުކުރެވި ބައެއް ބޯޓުތައް ސްޕެއާ ނުލިބި ގުރައުންޑް ކުރުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
"މޯލްޑިވިއަން އަކީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ފަތުރުވެރިން ދަތުރުކުރާ އެއާލައިނެއް ކަމަށްވާތީ ކުންފުނީގެ މަތިންދާ ބޯޓުތަކުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމަށާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުން މިކުއްލި މައްސަލަ ހުށަހަޅަމެވެ،" ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.