ފޮރިން މިނިސްޓްރީ

އިނގިރޭސިވިލާތުގެ ހައިކޮމިޝަން ހުޅުވައިފި

Feb 17, 2022
2

އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ހައިކޮމިޝަނެއް ހުޅުވައިފި އެވެ.

ހައިކޮމިޝަން ހުޅުއްވައިދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ތޯރިގު އަހްމަދާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ.

އިނގިރޭސިވިލާތުގެ ހައިކޮމިޝަނަކީ ޔޫރަޕްގެ ގައުމަކުން ރާއްޖޭގައި ހުޅުވި ފުރަތަމަ ހައިކޮމިޝަނެވެ.

ހައިކޮމިޝަން ހުޅުވި ރަސްމިއްޔާތަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތަކީ ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކުގައި ވަރަށް މުހިއްމު ގައުމެއް ކަމަށެވެ. އިނގިރޭސިވިލާތުގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ބަދަހިވެފައި އޮތް މިންވަރު ހާމަވާ ކަމަށްވެސް ވިދާޅުވި އެވެ.

އިނގިރޭސި ސަރުކާރުން ކުރިން ސަފީރުން ކަނޑައަޅުއްވަނީ ރާއްޖެއާއި ސްރީލަންކާގެ ކަންކަން ބަލަހައްޓަވާ ގޮތަށެވެ. އެ ބޭފުޅަކު ހުންނަވަނީ ވެސް ލަންކާގަ އެވެ.

ރާއްޖޭގައި ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައެޅުއްވީ 2019 ވަނަ އަހަރު އެވެ. އެގޮތުން ކަނޑައެޅުއްވި ސަފީރު ކެރޮން ރޮސްލާ، އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް ސޯލިހަށް އެރުއްވީ އޮކްޓޫބަރު 30، 2019 ގައެވެެ.

އޮސްޓްރޭލިއާ ސަރުކާރުން ވެސް މިހާރު ދަނީ ރާއްޖޭގައި ހައިކޮމިޝަނެއް ހުޅުވުމަށް ތައްޔާރުވަމުންނެވެ.