ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތައް ފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ ގަވާއިދެއް އެކުލަވާލާ ގެޒެޓްކޮށް އަމަލު ކުރަން ފަށައިފި އެވެ.
ރޭ ގެޒެޓްކޮށްފައިވާ އުސޫލުގައިވާ ގޮތުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަން މުޅިތަން އެއްކޮށް ކުއްޔަކަށް ނުދެވޭނެ ކަމަށް އުސޫލުގައިވެއެވެ.
ކުއްޔަށް ދޫކުރުމުގެ ހުއްދަ ދޭންވާނެ މުއްދަތުތައްވެސް މި ގަވާއިދުގައި ބުނެފައިވެއެވެ. އެގޮތުން ރޯހައުސްތަކާއި ފުލެޓުތަކާއި ގޯތި ފަދަ ތަންތަން ކުއްޔަށް ދެވޭނީ އެންމެ ގިނަވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތު އިތުރު މުއްދަތަކަށް އައު ކުރެވޭނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވެސް ބުނެފައިވެއެވެ.
މި ގަވާއިދުގެ ދަށުން ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތަކާއި ގޯތި ފަދަ ތަންތަން ކުއްޔަށް ދިނުމަށް އެދެވޭނީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ މީހަކަށެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާއިރު އަދި ގާނޫނަށް އަމަލުކުރަން ފެށިފަހުން އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަނުގެ ތެރެއިން އެއްކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ލިބިފައިވާ ބޯހިޔާވަހިކަމެއްގެ ބައެއް ކުއްޔަށް ދޫކުރުމުގެ ހުއްދައަށް އެދޭއިރު ދިރިއުޅުމަށް ޓަކައި ގޯތި ގެދޮރު ކުއްޔަށް ދިނުމާބެހޭ އާންމު ގަވާއިދުގެ ދަށުން ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުމާއި އެ ބޯހިޔާވަހިކަމެއްގެ ކަންކަން ހިންގި އިދާރާއަކުން ކުއްޔަށް ދިނުމަށް އިއުތިރާޒު ނުކުރާކަން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން ހުށަހަޅަން ޖެހެއެވެ.
މި ގަވާއިދުގައިވާ ގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ލިބިފައިވާ ބޯހިޔާވަހިކަމެއް ނުވަތަ ބޯހިޔާވަހިކަމެއްގެ ބައެއް ގަވާއިދާ ހިލާފަށް ނުވަތަ ގާނޫނާއި ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފަށް ކުއްޔަށް ދީފައިވާ މައްސަލައެއް ކައުންސިލަކަށް ރިޕޯޓުކޮށްފިނަމަ ނުވަތަ އެފަދަ ކަމެއް ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގި އިދާރާއަށް އެ ކައުންސިލަކުން އަންގަންވެސް ލާޒިމު ކުރެެއެވެ. އަދި އެފަދަ ކަންކަން ބަލާ ފިޔަވަޅު އެޅުމަކީވެސް ކައުންސިލްގެ ޒިންމާ އެކެވެ.
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތައް ފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ ގަވާއިދެއް އެކުލަވާލާ ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިމިވަނީ ރާއްޖޭގެ ތާރީހުގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ "ހިޔާ ފްލެޓް" މަޝްރޫއުން ފްލެޓް ލިބުނު މީހުން އެތަންތަން ކުއްޔަށް ދިނުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
ބައެއް މީހުން ވަނީ އެ މީހުންގެ ފްލެޓްތައް ކުއްޔަށް ދޭނެ ކަމަށް ބުނެ އިއުލާނުވެސް ކޮށްފައެވެ.