ދުނިޔެ

ޖާނުން ފިދާވެގެން އަފްގާންގައި އެމެރިކާ ސިފައިންގެ ހަ މީހަކު މަރާލައިފި

އަފްގާނިސްތާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ތާލިބާނުގެ ހަނގުރާމަވެރިއަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ހަ މީހުން އިއްޔެ މަރާލައިފި އެވެ.

އަފްގާނުންތާނުގައި ހުންނަ އެމެރިކަގެ އެންމނެ ބޮޑު މިލިޓަރީ އެއާބޭސް ކަމަށްވާ ބާގްރަމް ކައިރީގައި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން މި ހަމަލާގައި އެމެރިކާ ސިފައިންގެ ދެ މީހުންގެ އިތުރުން އަފްގާނިސްތާނު ރައްޔިތަކުވެސް ވަނީ ޒަހަމްވެފައެވެ.

މި ހަމަލާދިންފަހުން އަފްގާޏިސްތާނުގެ ވެރިރަށް ކާބުލްގައިވެސް ރޮކެޓް ހަމަލާތަކެއް ދީފަ އެވެ.

މިހަމަލާތަކާއި ގުޅިގެން ނޭޓޯ ފޯސްގެ ހެޑް އޮފް ޕަބްލިކް އެފެއާސް ބްރިގޭޑިއަ ޖެނެރަލް ވިލްސަން ޝޮފްނަރ ވިދާޅުވީ މިހަމަލާތަކުގައި ހަ މީހުން މަރުވެ ތިން މީހުން ޒަހަމް ވުމުން ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށެވެ.

އިއްޔެ ދިން ޖާނުން ފިދާވުމުގެ ހަމަލާގެ ޒިންމާ ނަގަމުން ތާލިބާނުގެ ތަރުޖަމާނު ޒަބިހުﷲ މުހާހިދު ޓްވިޓަރގައި ބުނީ އެހަމަލާގައި 19 ހަނގުރާމަވެރިއަކު މަރާލާފައިވާނެ ކަމަށެވެ.

ކާބުލް އަށް ދިން ރޮކެޓް ހަމަލާ ތަކާއި ގުޅިގެން ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ތިން ހަމަލާ ދީފައިވާ ކަމަށާއި އޭގެ ތެރެއިން ދެ ހަމަލާ ދީފައިވަނީ ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދު ތަކަށް ކަމަށެވެ.
އަދި ތިން ވަނަ ހަމަލާ ދިނީ ކާބުލްގެ އެއާޕޯޓް އާއި ކައިރި ހިސާބަކަށް ކަމަށެވެ. މިހަމަލާތަކާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ޒަހަމްވި ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.