ދުނިޔެ

އަންހެނަކު ރޭޕްކޮށް މަރާލި، ހަތް މީހަކު ދަންޖައްސަން ހުކުމްކޮށްފި

އިންޑިއާގައި އަންހެނަކު ރޭޕްކޮށް މަރާލި ހަތް ފިރިހެނަކު ދަންޖައްސާ މަރަން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މި ހަތް ފިރިހުން މަރަން ހުކުމްކޮށްފައިވަނީ، އިންޑިއާގެ އަވަށްޓެރި ނޭޕަލްގެ އަންހެނެއް ރޭޕްކޮށް މަރާލި މައްސަލާގައެވެ. އަންހެންމީހާ އަކީ ޑިޕްރެޝަންއަށް އިންޑިއާގެ ހައިޔާނާ ސްޓޭޓްގައި ފަރުވާ ހޯދަމުންދިޔަ އަންހެނެކެވެ.

28 އަހަރުގެ މި އަންހެންމީހާގެ ފުރާނަ ނެތް މަސްގަނޑު ފެނިފައިވަނީ، އޭނާ ގެއްލިގެން ހޯދަމުންދިޔަތާ ތިން ދުވަސް ފަހުން، ދަނޑުބިމަކުންނެވެ. އޭނާ އޮތީ ރޭޕްކުރުމަށްފަހު ގަލުން ތަޅާ މަރާލާފައެވެ. އަންހެންމީހާގެ ގަޔަށް ގަލާއި ލޭޒަރު އަދި ދަނޑިބުރިތަކެއް ހަރާފައިވެސް ހުއްޓެވެ. އަންހެންމީހާގެ ޕޯސްޓްމޯޓަން ހެދި ޑޮކްޓަރު ބުނެފައިވަނީ އެއީ އޭނާގެ 29 އަހަރުގެ ކެރިއާގެ ވެސް ފެނުނު އެންމެ ބިރުވެރި ކޭސް ކަމަށެވެ.

މައްސަލަ ބައްލަވާފައިވަނީ އަންހެން ފަނޑިޔާރެކެވެ. ފަނޑިޔާރު ސީމާ ސިންގާލް ހުކުމް އިއްވަމުން ވިދާޅުވީ ބޭނުންވަނީ މުޖުތަމައަށް ވަރުގަދަ މެސެޖެެއްދޭން ކަމަށެވެ. "އަހަރެން އެމީހުންނަށް މަރުގެ ހުކުމް އިއްވަން، އެމީހުން ޖެހޭނީ މަރުވަންދެން ދަންޖައްސަން،"

"އަންހެނުން އަނިޔާއާއި ތަފާތުކުރުމާ ވަނީ ކުރިމަތިލާންޖެހިފައި، އަހަރެންމެންނަށް އަދިވެސް ސިސްޓަމްގައި ޖިންސީ ތަފާތުކުރުންތައް އެބަ ފެނޭ، މި ހުކުމުގެ ސަބަބުން މުޖުތަމައަށް ވަރުގަދަ މެސެޖެއް ލިބިގެންދާނެ،" ފަނޑިޔާރު ވިދާޅުވިއެވެ.

މި ހަތް މީހުން ދަންޖެއްސުމަށް ހުކުމްކޮށްފައިމިވަނީ، ދިއްލީގައި ބަހެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ބައިވެރިވާ މީހަކު އިންޑިއާގެ ސްޕްރީމް ކޯޓުން ދޫކޮށްލި ދުވަހުއެވެ. އެއީ އިއްޔެއެވެ. އޭނާ ރޭޕްކޮށްލާފައިވަނީ ފިރިހެން އެކުވެރިއަކާއެކު ބަހުގައި ދަތުރުކުރަމުން ދަނިކޮށެވެ. އެ ޖަރީމާގައި ވެސް އެތައް ބަޔަކު ބައިވެރިވެފައިވެއެވެ. ރޭޕްކުރުމުން ލިބުނު އަނިޔާތަކަށް ސިންގަޕޫރުގައި ފަރުވާ ހޯދަމުން ދަނިކޮށް އަންހެން މީހާ ވަނީ މަރުވެފައެވެ.

2012 ވަނަ އަހަރު ހިނގި މި ހާދިސާގައި ބައިވެރިވާ މީހާ ދޫކޮށްލާފައިވާއިރު ސްޕްރީމް ކޯޓުން ބުނެފައިވަނީ އޭނާ އިތުރަށް ބަންދުގައި ބެހެެއްޓުމަށް ގާނޫނު ތަންނުދޭ ކަމަށެވެ. އޭނާ ރޭޕްގައި ބައިވެރިވި އެއީ ކުޑަ ކުއްޖެކެވެ. އިންޑިއާގައި ކުޑަ ކުއްޖަކަށް އެންމެ ގިނަވެގެން ދެވެނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. އެ މުއްދަތު ވަނީ ހަމަވެފައެވެ. އޭނާ މިނިވަންކުރުމުން އިންޑިއާގައި އިއްޔެ މުޒާހަރާ ވެސް ކޮށްފައިވެއެވެ.

އިންޑިއާއަކީ ރޭޕްގެ މައްސަލަތައް އެންމެ ގިނައިން ރިކޯޑްކުރެވިފައިވާ ގައުމެވެ. އަދި އެކަމަށް ހައްލެއް އެގައުމަށް އަދިވެސް ވަނީ ނުގެނެވިފައެވެ.

އިންޑިއާ ސިއްސުވާލި ބައެއް ރޭޕް ކޭސްތައް:

ޖެނުއަރީ 2014: ފިރިހެނަކާއެކު ގުޅުން ބާއްވާ ކަމަށް ބުނެ، 23 އަހަރުގެ އަންހެނަކު 13 ފިރިހެނުން ވެގެން ރޭޕްކޮށްލާފައިވޭ
އޭޕްރީލް 2014: 23 އަހަރުގެ ފޮޓޯޖާނަލިސްޓެއް ރޭޕްކުރި މައްސަލާގައި ތިން ފިރިހެނަކު މަރަން ހުކުމްކޮށްފައިވޭ
ޖެނުއަރީ 2014: އިންޑިއާގެ ހޮޓެލެއް ކައިރީގައި ޑެންމާކްގެ އަންހެނެއް، އިންޑިއާގެ ފިރިހެނުންތަކެއްް ރޭޕްކޮށްލާފައިވޭ
ސެޕްޓެމްބަރު 2013: ހަތް އަހަރުގެ އަންހެން ކުއްޖެއް ފަސް ޒުވާނުންވެގެން ރޭޕްކޮށްލާފައިވޭ
ޖޫން 2013: 30 އަހަރުގެ އެމެރިކާގެ އަންހެނަކު އިންޑިއާގައި ގޭންގް ރޭޕްކޮށްލާފައިވޭ
އޭޕްރީލް 2013: ފަސް އަހަރުގެ އަންހެން ކުއްޖެއް ގޭންގް ރޭޕްގެ ޝިކާރައަކަށްވެ މަރުވެފައިވޭ
ޑިސެމްބަރު 2012: ބަހެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކޮށްލާފައިވޭ