ދުނިޔެ

ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ: ޕޫޓިން

ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިން ވިދާޅުވި ގޮތުގައި ހުޅަނގުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށާއި އެއީ ރަޝިއާ ސިފައިން ޔުކްރޭނަށް އެރުމާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ.

ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ހުޅަނގުން ކޮންމެވެސް ބަހަނާއެއް ދައްކާނެ ކަމަށާއި އެއިން ކަމެއްގައި ރަޝިއާ ޝާމިލު ނުވިޔަސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުން ރަޝިއާއަށް މިހާރު އޮތް ގޮތަކީ އަމިއްލަ އިގުތިސޯދެއް ބިނާކުރުމެވެ. އޭނާ އަދި ވިދާޅުވީ ބުއްދިވެރި ގޮތަކީ ހުޅަނގަށް އަދި ހާއްސަކޮށް އެމެރިކާއަށާއި އިނގިރޭސިވިލާތަށް ބަރޯސާ ނުވުން ކަމަށެވެ.

ރަޝިއާ ހޯދާ ކުރިންއެރުންތަކަށް ހުޅަނގުން ހަސަދަވެރިވާ ކަމަށް ޕޫޓިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިހުރިހާ މައްސަލައެއް ޖެހިގެން އުޅެނީ ޔޫރަޕަށް ގޭސް ވިއްކަން ރަޝިއާ މަސައްކަތް ކުރާތީ ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުން ދުނިޔޭގެ ގޭސް މާކެޓަކީ ވަކި ބަޔަކަށް އޮތް ތަނަވަސްކަމެއް ނޫނެވެ. އެބަޔަކަށް ލިބޭ އެއްޗެއް ސުލްހަވެރި ކަމާއެކު މާކެޓަށް ނެރުމުން ޝައުގުވެރިވާ ފަރާތްތަކުން ގަންނަންވީ އެވެ.

ޔޫރަޕް ގައުމުތަކަށް ގޭސް ސަޕްލައިކުރަން ޖަރުމަނަށް އަޅާފައި އޮތް ނޯޑް ސްޓްރީމް ގޭސް ހޮޅިއާ ބެހޭ ގޮތުން ޕޫޓިން ބުނީ އިންވެސްޓްމަންޓްގެ ބޮޑުބަޔަކީ ޖަރުމަނުގެ ހައްގެއް ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުން އޭނާ ހުންނެވީ އެމެރިކާ އާއި ނޭޓޯއާ ވެސް މަޝްވަރާ ކުރައްވާ ގޮތަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ ރަޝިއާއަށް ނުރައްކާވާ ހިސާބުން ރަޝިއާގެ އަސްކަރީ ބާރުތައް ވެސް ވިސްނަން ފަށާނެ ކަމަށެވެ.

ޔުކްރޭން ސަރަހައްދުގައި ހަމަނުޖެހުން އުފައްދަނީ ރަޝިއާ ނޫން ކަމަށާއި ޔުކްރޭނަށް އެ އުޅެނީ ދާޚިލީ މައްސަލަތައް ވެސް އޮބިނޯވެގެން ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ޔުކްރޭންގައި މިހާރު އޮތް ސަރުކާރުން އެމީހުންގެ އަމިއްލަ މީހުންނަށް ވެސް އަނިޔާވެރިވެ އެވެ. އަދި އެ އުނދަގުލާ ހެދި ކިތަންމެ ބަޔަކު މިހާރު ޔުކްރޭން ދޫކޮށް ދާން ބޭނުންވެފައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.