މަތިވެރި

މާންސް ސްޕޯޓްސް އެކަޑަމީ އިފްތިތާހުކޮށްފި

އއ. މަތިވެރިން: އަހުމަދު ހަމީދު އާދަމް
Feb 19, 2022

އއ. މަތިވެރި އެސޯސިއޭޝަން ފޯ ރެކްރިއޭޝަން އެންޑް ސްޕޯޓްސް (މާންސް) ގެ "މާންސް ސްޕޯޓްސް އެކަޑަމީ" ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

މިއަދު ހަވީރު މަތިވެރި ފުޓްސަލް ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މާންސް ސްޕޯޓްސް އެކަޑަމީ އިފްތިތާހު ކޮށްދެއްވީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރާއްޖެއަށް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) އާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

އެކަޑަމީ އިފްތިތާހު ކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާންސް ޖަމިއްޔާގެ ރައީސް އިސްމާއީލް ނަސީމް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އެކަޑަމީ ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މަތިވެރީގައި ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އިސްމާއީލް ވަނީ މާންސް ޖަމިއްޔާ އުފެއްދުމަށް އެ ޖަމިއްޔާގެ މެންބަރުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން ފާހަގަ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ޖަމިއްޔާ އިން ރަށުގެ ތަރައްގީ އާއި ޒުވާނުން ބާރުވެރި ކުރުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އައްސަދު އަބްދުލްޣަނީ ވަނީ މޮޅު ކުޅުންތެރިއަކަށް ވުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރުމަށް އެކަޑަމީގެ ދަރިވަރުންނަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓައި ގަވާއިދުން ފަރިތަކުރުންތަކުގައި ބައިވެރިވުމަށް އިލްތިމާސް ކުރިއެވެ. 

އަލީ އަޝްފާގު ފަދައިން ރާއްޖޭގެ މޮޅު ކުޅުންތެރިއާއަށް ވުމަށް އެދޭނަމަ ގަދަ އަޅާ މަސައްކަތްކޮށް ކޯޗުންނާއި މައިންބަފައިންގެ ނަސޭހަތް ގަބޫލުކުރުމަށްވެސް އައްސަދު އެ ކުދީންގެ ކިބައިން އެދުނެވެ.

މާންސް އެކަޑަމީ ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އެކަޑަމީގައި ބޭނުންކުރާ ބޯޅައިގައި ސޮއިކުރުމުގެ ހަރަކާތެއްވެސް ގެންގޮސްފައެވެ. އެގޮތުން ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) އާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ބޯޅައިގައި ސޮއިކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މަތިވެރީގައި މިހާތަނަށް އުފެދުނު އެންމެ އިތުބާރު އަދި އެންމެ ދުވަސްވީ ގޯލު ކީޕަރު (އއ. މަތިވެރި / ފީރޯޒުގެ އަހުމަދު ފިރާގު) ގެ އަގު ވަޒަންކޮށް ހާއްސަ ހަނދާނީ ފިލާއެއް އަރުވާފައެވެ. މި ފިލާ ހަވާލުކޮށްދެއްވީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު އެވެ.

އެކަޑަމީ ރަސްމީކޮށް އިފްތިތާހު ކުރި މި ރަސްމިއްޔާތުގައި މަތިވެރިއަށް އުފަން މުހައްމަދު އިމްރާންވެސް ވަނީ އެރަށުގައި ރަނގަޅު ފެންވަރުގެ ކީޕަރުން އުފެއްދުމަށް ހާއްސަ މަސައްކަތެއް ކުރާނެ ކަމަށް ބުނެފައެވެ. އަދި އެރަށުން 10 ކީޕަރަކު މުޅިން އަލަށް ރާއްޖޭގެ ފުޓުބޯޅައަށް ނެރެދޭނެ ކަމަށް ބުނެފައެވެ.

އިމްރާން އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ވެލެންސިޔާ އާއި މާޒިޔާ އާއި ވިކްޓްރީ އާއި ޓީސީ އަދި މިލަންދޫ ޓީމަށްވެސް ކުޅެފައިވާ ކީޕަރެކެވެ. މީގެ އިތުރުން އޭނާ ވަނީ 2019 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ދެވަނަ ގޯލު ކީޕަރުގެ މަގާމުވެސް އަދާކޮށްފައެވެ.