އެމްއެމްޕީއާރްސީ

އައިއެމްއެމްގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ

އޮސްޓްރޭލިއާގެ ޓްރެވްމީޑިއާއިން އިންތިޒާމްކުރާ އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބައިވެރިވެއްޖެ އެވެ.

އައިއެމްއެމްގައި ރާއްޖެ ތަމްސީލްކުރަމުން ދަނީ އެމްއެމްޕީއާރުސީގެ ފަރާތުން އޮސްޓްރޭލިއާއަށް ކަނޑައަޅާފައި ހުންނަ ޕީއާރް އެޖެންސީންނެވެ.

މި ހަރަކާތް ކުރިއަށް ދިޔައީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހަށެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ އޮސްޓްރޭލިއާ މާކެޓްގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުން ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ހޯމްސްޓޭގެ މައުލޫމާތުގެ އިތުރުން ލިވްއަބޯޑުތަކުގެ
މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އޮސްޓްރޭލިއާ އަދި ނިއުޒީލެންޑްގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާ ކުރެވުނެވެ.

އެމްއެމްޕީއާރްސީން މި ހަރަކާތުގައި ބައިވެރިވެފައި މިވަނީ އޮސްޓްރޭލިއާގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ، އެ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށެވެ.

ޕެންޑަމިކްގެ ކުރިން އޮސްޓްރޭލިއާ އަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރި ގައުމެކެވެ. އެގޮތުން 2019 ވަނަ އަހަރު އޮސްޓްރޭލިއާއަ ކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރި 10 މާކެޓްގެ ތެރެއިން އެއް މާކެޓެވެ. އެ އަހަރު އޮސްޓްރޭލިއާ އިން ރާއްޖެއަށް 39,928 ފަތުރުވެރިން އައިސްފައިވެ އެވެ. ޕެންޑަމިކާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އޮސްޓްރޭލިއާގެ ބޯޑަރު އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް ހާލަތަށް ބަލާ މިއަހަރު ޖެނުއަރީ މަހު އޮސްޓްރޭލިއާގެ ބޯޑަރު ހުޅުވާލި އެވެ. އެއާއެކު މިއަހަރުގެ ކުރިއަށް އޮތްތަނުގައި މިމާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.