ކުނި މެނޭޖް ކުރުން

ކުނިތައް ވަކިކުރަން ހާއްސަ ޕްރޮގްރާމެއް ކުޑަހުވަދޫގައި

އުކާލާ ކުނިތައް އެކި ބައި ބަޔަށް ވަކިކުރަން ހާއްސަ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ތައާރަފްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މި ޕްރޮގްރާމް ތައާރަފްކޮށްފައި ވަނީ ޕްލާސްޓިކު މަދުކުރުމަށް ހަރަކާތްތެރިވާ ރާއްޖޭގެ ޖަމިއްޔާ، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)އާއި ކުޑަހުވަދޫ ކައުންސިލާ ގުޅިގެންނެވެ.

މޯޕާއިން ފެށި މި ހަރަކާތުގެ ދަށުން 1000 ޑަސްބިން ދޫކުރާއިރު ކޮންމެ ގެއަކަށް ދެ ޑަސްބިން ދޫކުރާނެ އެވެ. އަދި ހަތަރު ގަނީ ބޭގް (ސުތުލި ގޯނި) ކޮންމެ ގައަކަށް ދޫކުރާނެ އެވެ.

މީގެ ސަބަބުން ޕްލާސްޓިކް، މައުދަންގެ ބާވަތްތަކާއި، ބިއްލޫރި އަދި އެހެނިހެން ކުނިތައް ވަކި ކުރެވޭނެ އެވެ. އޭގެ ފަހުން މި ކުނިތައް ކުޑަހުވަދޫ ވޭސްޓް މޭނޭޖްމަންޓް ސެންޓަރަށް ގެންދާނެ އެވެ.

މޯޕާގެ ހަރަކާތުގެ ދަށުން ކުޑަހުވަދޫން ޕެޓް ފުޅިތައް މާލެ ގެނެސް ޕާލޭ ޖަމިއްޔާ މެދުވެރިކޮށް މި ތަކެތި ރިސައިކަލްކުރަން އެކްސްޕޯޓްކުރެވޭނެ އެވެ.

މޯޕާއިން މިހާތަަނަށް މުޅި ރާއްޖެއިން 40 ޓަނުގެ ޕްލާސްޓިކް ނަގައި އެއްތަންކޮށްފައި ވެއެވެ.

މޯޕާގެ ހަރަކާތުގެ ދަށުން ޕްލާސްޓިކް މަދުކުރަން ކުޑަހުވަދޫގައި އާންމުން ހޭލުންތެރިކުރުވަން ބައްދަލުވުންތަކެއް ވެސް ބާއްވާނެ އެވެ.