ޅ. އޮޅުވެލިފުށި ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ހައްދަވައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.
ރައީސް ސޯލިހް އެކަމަށް ވައުދުވެވަޑައިގަތީ އެމަނިކުފާނު މިއަދު އޮޅުވެލިފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އޮޅުވެލިފުށީގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ބަނދަރު ފުންކުރުމުގެ ތެރެއިން ލިބޭ ވެލި ބޭނުންކޮށްގެން އޮޅުވެލިފުށި ރައްޔިތުން ދަތުރުދިއުމަށް ދެ ހެކްޓަރުގެ ރަށެއް ހެދިދާނެ ކަމަށެވެ.
އެކަމަކު އެ މަސައްކަތް ފަށައިގަނެވޭނެ ވަކި ދުވަހެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ. އެމަނިކުފާނު ވިދާޅުވީ ޕިކްނިކް އައިލެންޑާ އެކު އޮޅުވެލިފުށްޓަށް ބަދަލުތަކެއް އައުމަކީ ވެދާނެ ކަމެއް ކަމަށްވާތީ ޕިކްނިކް އައިލެންޑް ހެދުމުގެ ކުރިން ކަމާ ގުޅޭ ދިރާސާތަކެއް ހަދަންޖެހޭނެ ކަމަށެވެ.
ރައީސް ވަނީ އޮޅުވެލިފުށްޓަކީ 100 ޕަސަންޓް އަވިން އުފައްދާ ކަރަންޓު ބޭނުންކުރާ ރަށަކަށް ހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އޮޅުވެލިފުށި ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ދެ ހެކްޓަރުގެ ރަށެއް ނަމަ އޮޅުވެލިފުށި ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ހަދައިދެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.
އޮޅުވެލިފުށްޓަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާއި ސްކޫލާއި ހެލްތު ސެންޓަރުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާ ކުރިމަތިވެފައި ހުރި ދަތިތައް ވަނީ އޮޅުންފިލުއްވާފަ އެވެ.
ރައީސް ސޯލިހް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހުކުރު ދުވަހު އެންމެ ފުރަތަމަ ވަޑައިގަތީ މަޑިވަރަށެވެ. އެ ރަށުގައި ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީކޮށް، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ހިންގާ އެއާޕޯޓްގެ ދަތުރުތައް ރައީސް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ. ޅ. އަތޮޅުގެ ދެވަނަ ރަށަކަށް ހުކުރު ދުވަހު ހަވީރު ރައީސް ވަޑައިގެންނެވީ އެމަނިކުފާނުގެ އުފަން ރަށް، ހިންނަވަރަށެވެ. އަދި އިއްޔެ ހެނދުނު އެންމެ ފުރަތަމަ ވަޑައިގަތީ ފެލިވަރަށެވެ. އޭގެފަހުން ނައިފަރަށް ވަޑައިގަތީ އިއްޔެ މެންދުރުފަހު އެވެ.
ރައީސްގެ ޅ. އަތޮޅު ދަތުުރުފުޅުގައި މިއަދު ހެނދުނު އޮޅުވެލިފުށްޓަށް ވަޑައިގެންފައިވާއިރު މިދަތުރުފުޅުގައި ފަހު ރަށަކަށް ރައީސް ވަޑައިގަންނަވާނީ ކުރެންދޫ އަށެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.