ވާދަވެރި ކެންޑިޑޭޓުން އެމްޑީޕީގެ މެނިފެސްޓޯ ކޮޕީކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއަށް ވާދަވެރި ކެންޑިޑޭޓުން ކުދިކުދި ބަދަލުތައް ގެނެސް ރައްޔިތުންނަށް ވައުދުވަމުންދާ ކަމަށާއި އެކަމާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ހައުސިން ލޯން ހަ ޕަސަންޓަށްވުރެ ކުޑަކޮށްދޭނަމޭ ބުނީމަ އަނެއް ދުވަހު އަރާ ބުނީ ތިމަންނަ ދޭނަމޭ ފަސް ޕަސަންޓަށްވުރެ ކުޑަކޮށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރޯދަ މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ހެދުމަށް އެމްޑީޕީން ނިންމާ އެކަން ހާމަކުރުމުން ރޯދަ މަހުގެ ފަހު 10 ދުވަސް ބަންދުކުރަން ވާދަވެރި ކެންޑިޑޭޓުން ވައުދުވެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު މިކަން ސިފަކުރެއްވީ "އެޕަލް އާއި އެންޑްރޮއިޑް"ގެ ވާދަވެރިކަމެއްގެ ގޮތުގަ އެވެ.
"އެޕަލް އިން ބުނާނެ މިފަހަރު ނެރޭ ފޯނުގައި ތިން ކެމެރާ އިންނާނެއޭ. އެއް ހަފުތާ ފަހުން އެންޑްރޮއިޑް އިން ބުނާނެ ތިމަންނަމެންގެ ފޯނުގައި ހަތަރު ކެމެރާ އިންނާނެއޭ. ހަމަ އެހެން މިވަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކާއި ކުރަމުންދާ ކަންތައްތައް ކޮށްދޭނެ ކަމަށް ކެންޑިޑޭޓުން ވައުދުވަމުންދާ ކަމަށެވެ.
އެގޮތުން މި ސަރުކާރުން އެއާޕޯޓުގެ މަޝްރޫއު ފަށައިގެން ކުރިއަށްދާ ރަށްރަށުގައި އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދަން ކެންޑިޑޭޓުން ވައުދުވަމުންދާ ކަމަށެވެ.
"ރަހުނެއް ނެތި ކުދި ވިޔަފާރިތަކަށް ލޯނު މިހާރުވެސް ދެމުންދޭ. ބައެއް ކެންޑިޑޭޓުން ވިދާޅުވޭ ތިމަންނަމެންގެ ވެރިކަމެއްގައި ރަހުނެއް ނެތި ލޯނު ދޭނަމޭ. މިއީ މިހާރުވެސް ކުރަމުންދާ ކަންކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއަށްވުރެ ތަފުސީލު އަދި ރައްޔިތުންނަށް ފައިދާކުރާ މެނިފެސްޓޯއެއް އެހެން ކެންޑިޑޭޓަކަށް ހުށަނެޅޭކަމަށެވެ.
އޮޅުވެލިފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވަނި ވެރިކަމުގެ ދެވަނަ ދައުރުގައި އެރަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާފަ އެވެ.
އޮޅުވެލިފުއްޓަށް ވެވަޑައިގެންނެވި ވައުދުތައް
- ބިން ހިއްކާ ޕިކްނިކް އައިލެންޑެއް ހެދުން
- ބޯހިޔާވަހިކަން ފޯރުކޮށްދިނުން
- މަގު ހެދުން
- ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުން
- މިސްކިތެއް އިމާރާތްކުރުން
ރިޔާސީ އިންތިހާބެއް މިއަދު ބޭއްވި ނަމަވެސް އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުގެ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.