މިނިސްޓްރީ އޮފް ހެލްތު

ގަވައިދާ ހިލާފަށް ކުޑަކުދިންގެ އުފެއްދުންތައް ނުވިއްކުމަށް އަންގައިފި

Feb 20, 2022
1

ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދާ ހިލާފަށް އެފަދަ އުފެއްދުންތައް ނުވިއްކުމަށް ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

ގަވައިދުގައިވާ ގޮތުން ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި، އެއް އަހަރުން ދަށުގެ ކުޑަ ކުދިންނާއި މާބަނޑު އަންހެނުންނަށާއި، ގާތުން ކިރުދޭ މައިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅިއާއި ބުއްފުޅީގެ ތުން ވިއްކަން ބަހައްޓަން ވާނީ ގަވައިދާ އެއްގޮތަށް ރަޖިސްޓްރީކޮށް، ރަޖިސްޓްރީކުރި އުސޫލުތަކާއި ޚިލާފު ނުވާ ގޮތަށެވެ.

ގަވައިދުގެ މަގުސަދަކީ ޅަފަތުގެ ކުދިން އަދި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންގެ ދުޅަހެޔޮ ސިއްހަތަށާއި، ރައްކާތެރި އަދި އެދެވިގެންވާ ކާނާ ލިބިގަތުމަށް މަގުފަހިކޮށްދިނުމެވެ.

އުފެއްދުންތަކުގެ ލޭބަލްގައި ހުރުން ލާޒިމު މައުލޫމާތު

  • އުފެއްދި ތާރީހާއި މުއްދަތު ހަމަވާ ތާރީހު.
  • އުފެއްދި ފަރާތާއި، ބަންދުކުރި ފަރާތާއި، އެތެރެކުރި ފަރާތުގެ ނަމާއި އެޑްރެސް.
  • އެ އުފެއްދުމެއްގެ މޫނުމަތީފަރާތުގައި، ހާމަކަން ބޮޑު ގޮތެއްގައި، އެ އުފެއްދުމެއްގެ ނަން ސާފުކޮށް ފަސޭހައިން ކިޔަން އެނގޭނެހެން ދިވެހި ނުވަތަ އިނގިރޭސި ބަހުން ލިޔެވިފައި އޮތުން
  • ތައްޔާރުކުރާނެ ގޮތުގެ އިރުޝާދާ އެކު ކާންދޭނެ ގޮތުގެ ޗާޓެއް ހިމަނާފައިވުން.
  • ކަނޑައެޅިފައިވާ ބާވަތެއްގައި ހަރުކުރެވިފައިވާ ލޭބަލެއްގައި އެ އުފެއްދުމެއް ތައްޔާރުކޮށް ބޭނުންކުރާނެ ރަނގަޅު ގޮތް ދެއްކުން ފިޔަވައި ބޭނުންކުރުމަށް ހިތްވަރުދޭ ފަދަ އެއްވެސް ބާވަތެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ހިމެނިފައި ނުވުން.
  • އެއްވެސް ބާވަތެއްގެ އިންސާނުންގެ ސޫރައެއް ނުވަތަ ވާހަކަ ފޮތްތަކާއި ކާޓޫނުގައި ބޭނުންކުރާ ސިފައެއް ނުވަތަ ޖަނަވާރެއް އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުންފަދަ އެއްވެސް އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ނުވަތަ ތަސްވީރެއް ހިމަނާފައި ނުވުން.
  • ބުއްފުޅި ބޭނުންކުރުމަށް ވާގިވެރިވާ ފަދަ ނުވަތަ ގާތުން ކިރުދިނުމާއި ދުރުކުރުވާފަދަ އެއްވެސް ލިޔުމެއް ނުވަތަ ތަސްވީރެއް ބޭނުންކޮށްފައި ނެތުން.
  • ކަނޑައެޅިފައިވާ އުފެއްދުމަކީ މައިމީހާގެ ކިރު ނުވަތަ ގާތުން ކިރުދިނުމާއި އެއްފަދަ އެއްޗެއް ކަމަށް ނުވަތަ އަޅާކިޔޭވަރުގެ އެއްޗެއް ކަމަށް ނުވަތަ އެއަށްވުރެ މޮޅު އެއްޗެއް ކަމަށް ދޭހަވާ ފަދަ އިބާރާތެއް ބޭނުންކޮށްފައި ނެތުން.

ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ނުވަތަ އުފެއްދުންތައް މާކެޓުގައި ވިއްކާއިރު އެފަދަ އުފެއްދުންތަކުގެ ލޭބަލްގައި އިތުރު ބައެއް މައުލޫމާތު ހުންނަންވާނެ ކަމަށްވެސް ގަވައިދުގެ ހަތްވަނަ މާއްދާގައިވެ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމާއި އަދި ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި މިންގަޑުތަކާއި ހިލާފަށް މިފަދަ ތަކެތި ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ވީމާ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ހިލާފަށް މިފަދަ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި، ވިއްކުމާކީ މަނާ ކަމެއް ކަމުގައި އަންގަމެވެ." ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.