(އާދިއްތަ ދުވަހުގެ އަދަދާ ގުޅޭ)
އާލިޔާ އަކަށް ވެސް އާލިޔާގެ ފިރިމީހާ ހިލޭ އަންހެނަކާ އެކު އެފަދަ މަގާމެއްގައި ވާތަން ފެނުމުން މާއާފް ކޮށްފަ އެ ދިރިއުޅުން މަތީގައި އިތުބާރާއެކު ހަޔާތް ވޭތު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ، ކުރިން ކުރި އިތުބާރެއް ދެނެއް ނުކުރެވޭނެ. އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމައި ނުލާނެ ކަމުގެ އެއްވެސް ގެރެންޓިއެއް ދެން ނުދެވޭނެ. އެހާ ހިސާބުން އިތުބާރުގެ ވާފަށް ކެނޑި ބުރި ބުރިވާނެ. އަބަދުވެސް ދެން އުޅެން ޖެހޭނީ ޝައްކާއި ވަހުމުގެ ތެރޭގައި. ކިތަންމެ ކުޑަ ކަމެއް ވެސް ނިކަން ބޮޑު ކަމަކަށް ހަދައިގެން ދެފަރާތުން ދޫނުކޮށް ޒުވާބު ކުރުން ނޫންކަމެއް ދެން ނޯންނާނެ. އެމަންޒަރާއި އެ އަޑުތަކުގެ ޝިކާރަ އަކަށް ދަރިން ވުމުން . ދެން ދަރިން ނުކުންނާއި ހާލި ތަޅާލައިފައި ނުކުމެދާ ވަރަފެޅި ދޫނި ތަކެއްހެން ގޭން ބޭރަށް. ރައްޓެހިން ގާތަށް. އެކުވެރިން ކައިރިއަށް މައިންބަފައިންގެ ބަސް ގަބޫލެއް ނުކުރާނެ. ދެ މީހުން ކުރެ އެކަކަށް ވެސް އިތުބާރެއް ނުކުރާނެ. ދެމީހުންނަކީވެސް އެކުދިންގެ ކުރިމަތީގައި ގަދަރާއި އިހުތިރާމް ކުރަންޖެހޭ ފަދަ ބައެއް ކަމަކަށް ނުދެކޭނެ. އެއަށް ވުރެ ރަނގަޅު ވާނެ ދެމީހުން ވަކިވެ ކުދިންނަށް އަޅައި ލައިގެން އެކުދިންނަށް ވިސްނައި ދީގެން ހެޔޮމަގުގައި ތަރުބިއްޔަތު ކުރުން ވެސް. ކުދިން ލިބިފައިވާ މީހަކާއި ދެން އިންނަން ވާނީ އެއީ ކުދިން ތަކެއްގެ ބައްޕައެއް ނުވަތަ މަންމައެއް ކަން ދަނެ، އެކަން ބަލައިގަނެގެން އުޅޭހާ ހިތްވަރު ހުރެގެން. އަދި އެ ކުދިންނަކީ ތިމާގެ ދަރިންގެ މަގާމުގައި ތިބި ކުދިންތަކެއް ކަމަށް ދެކިގެން.
އެކުދިންނާ އެކު އުޅެމުން ދާއިރު ދިމާވާނެ މައްސަލަތައް ހައްލު ކުރެވޭ ފަދަ ޤާބިލު މީހަކަށް ތިމާ ވާ ނަމަ. މިޒަމާނުގެ ބަހުރުވައިން ނަމަ އަންޑަސްޓޭންޑިން މީހަކަށް ވެގެން. ސައުން އާލިޔާ އެ އިހުތިޔާރު ކުރީ އެ ހުރިހާ ގޮތަކަށް ވިސްނާފަ ކަމަށް ވެދާނެ. މިޝްކާ ދެކެވީ ލޯބި ނަފުރަތަށް ބަދަލުވެ، އެއަށް ވުރެ ބޮޑަށް އާލިޔާ ދެކެ ސައުން ލޯބި ވުމަކީ ހަމަ ވެދާނެ ކަމެއް. އަހަރެން އާލިޔާގެ ކޮންމެ ނިންމުމަކަށް ވެސް އިހުތިރާމް ކުރާނަން. އާލިޔާ ސައުން ދެކެ ލޯބި ނުވާ ނަމަ ސައުންނާއި ކައިވެނި ނުކުރުމަށް އަހަރެން ނަޞޭހަތް ތެރިވަން. އެކަކު އަނެކަކު ދެކެ ލޯބިނުވެ ، އެއްފަރާތުން ލޯބިވުމަކުން ލިބޭނެ އަރާމެއް ލައްޒަތެއް ނޯންނާނެ. އޭރުން ސައުން ނަކަށް ވެސް އުފަލެއް ނެތް. އަދި އާލިޔާ އަކަށް ވެސް އުފަލެއް ނެތް. މީ އަހަރެންގެ ވިސްނުން. ނިޔާ ކަނޑައަޅައި ގޮތް ނިންމުން އޮތީ އާލިޔާގެ އަތް މަތީގައި. ސައުންނަކީ ޚުލުޤްހެޔޮ ރަނގަޅު ފިރިއަކަށް ވާނެ. އެކަން މިހާރު އާލިޔާއަށް ވެސް އެނގޭނެ. އާލިޔާ ނު ގުޅުނު ނަމަވެސް ސައުން ހުސްހަށި ބަޔަށް ހުންނަ ވަރެއް ނުވާނެ. އެއަށް ވުރެ މަށަށް މަށަށް ގޮވާ ކުދިން މިހާރު ވެސް ތިބޭނެ ކަން ހަމަ ޔަޤީން.
އެހެން އުލާ ބުނުމުން އާލިޔާގެ ކައިރިއަށް ކުޑަކޮށް ހިނި އަންނަގޮތް ވިއެވެ.
އުލާ: އާލިޔާގެ ހިތް ސައުންނަށް ނޭދޭ ނަމަ މިކަމުގައި ގޮތެއް ނިންމަން ދަތި ވާކަށް ނުޖެހޭނެ. ހިތް ނޭދޭ ކޮންމެ ކަމަކަށް ފާޅުގައި އިންކާރު ކޮށް ނޫނެކޭ ބުނެވެން ވާނެ. އަދި ކުރަން ނޭދޭ ކަމެއްގައި ނަމަ ދައްކާނެ އެތައް ހުއްޖަތެއް އޮންނާނެ. ހިތް އެދޭ ކޮންމެ ކަމަކަށް ތިމާގެ ޒަމީރު އެއްބަސް ނުވެ ހިނގައި ދާނެ. އެކަމަކު އެއީ ތިމާގެ ހިތް އެދޭ ކަމެއް ނަމަ އެކަމަކާއި ވަކިވުމަކީ ހިތަށް އަނިޔާ ލިބޭނެ ކަމެއްކަން ހަދާން ކުރަންޖެހޭ! ދޮގު ނުހަދާ ތެދަށް ބުނެބަލަ! އާލިޔާ ސައުން ދެކެ ލޯތްބެއް ނުވޭތަ؟
އުލާ އެހެން ބުނުމުން އާލިޔާ ހާސްވެ ޖަވާބު ދޭން ދަތިވިއެވެ. ދެއަތް ދެއަތަށް މޮޑެލަ މޮޑެލާ އިނެވެ. އެތަން ބަލަން އިން އުލާއަށް ވިސްނުނީ އާލިޔާގެ ހިތުގައި ސައުންނަށް ޓަކައި މަގާމެއް ދެވިފައި ވާކަމެވެ. އަދި އާލިޔާ ސައުން ބޭނުންވާ ކަމެވެ. އުލާ އާލިޔާގެ ދެއަތުގައި ހިފަހައްޓައިގެން އިނދެ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. "ހިތުގެ އެދުމާ ދެކޮޅު ނަހަދާ! އާލިޔާގެ ހިތުގެ އިހުސާސްތައް އަހަރެންނާއި ހިއްޞާކުރޭ! ތިޔަހެން އިންނަން ވެއްޖެ ނަމަ ނަފުސާނީ ގޮތުން ބަލި މީހަކަށްވުން އޮންނާނީ ވަރަށް ކައިރީގައި." އުލާއަށް ވިސްނުނީ އާލިޔާއަށް މިކަމުގައި ގޮތެއް ނިންމަން ވަގުތު ބޭނުންވާ ކަމުގައެވެ. އެހެން ކަމުން އިތުރު ސުވާލުތައްކޮށް ވަގުތު ބޭކާރު ކުރުން ބުއްދިވެރި ނޫންކަމަށް ދެކުނެވެ. މިރޭ މާދަން ވެފަ ވާތީ އެހެން ދުވަހަކުން ދެ މީހުން ބައްދަލުވެ، މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ވާނެ ކަމަށް ބުނެ ދެމީހުން އެރީ ދެ ޓެކުސީ އަކަށެވެ.
އާލިޔާގެ ގޭދޮރު މަޢްޗަށް ޓެކުސީ މަޑު ކޮއްލުމާ އެކު އަވަހަށް ފައިބައިގެން ގޮސް ގެއަށް ވަދެގެން ދިޔައިރު އާލިޔާގެ ބައްޕަ ހޭލާ ސިޓިންގް ރޫމުގައި އިނެވެ. މިހާ ދަންވަން ދެން ހޭލާ ބައްޕަ އިންނާނި ކޮންމެސް ބޭނުމަކު ކަމަށް ވާތީ އާލިޔާ ސުވާލު ކުރިއެވެ. ބައްޕަ ނުނިދާ ކީއްކުރައް ވަނީތޯ؟ '' އާލިޔާގެ ސުވާލާ އެކު ބައްޕަ ބުނަމުން ދިޔައީ "އިންތިޒާރު މިކުރަނީ ދަރިފުޅު ގެއަށް އަންނާނެ އިރަކަށް. ބައްޕަ ދަރިފުޅާއި ދައްކާލަން ބޭނުން ބައެއް ވާހަކަތައް ހުރުމުން." ކޮޓަރިއަށް ގޮސް އެއްޗެހި ބަދަލު ކޮށްގެން މިތަނަށް ބައްޕަ ކައިރިއަށް އަންނާށޭ ބުނަމުން ފެންތައްޓެއް ގެނެސް ބަލާށޭ އާލިޔާގެ މަންމަ ގާތުގައި ބުންޏެވެ.
އާލިޔާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ބައްޕަ ނުނިދާ ހޭލާ އިނދެގެން ދައްކަން މިއުޅެނީ ކޮންފަދަ ވާހަކައެއް ބާއޭ ހިތަށް އަރަމުން ދިޔައެވެ. ދޭތެރެ ދޭތެރެ އިން ބައްޕަގެ ގާތް ކޮންމެސް މީހެއްގެ ދަރިއެއްގެ ކައިވެންޏަށް އެ މީހުން އެދުނު ވާހަކަ އާލިޔާގާތު ކިޔާނެއެވެ. އެފަދަ ކޮންމެ ދުވަހަކުވެސް އާލިޔާ ސަލާމަތް ވަނީ ކޮއްކޮމެން ކިޔަވާ ނުނިމެނީސް މީހަކާ އިނދެގެން އާލިޔާ ދިއުމުން ގޭތެރޭގެ ކަންތައްތަކާ އެކުދިންގެ ކިޔެވުމުގެ ކަންތައްތައް ކޮށް ދޭނީ ކާކުހޭ ބުނެ ވާހަކައިގެ މަޤްޞަދު އޮޅުވާ ލައިގެންނެވެ. ނަމަވެސް މިހާރު އެންމެ ހަގު މީހާ ވެސް އޭލެވެލު ނިންމުމަށް ފަހު ވަޒީފާއަކަށް ދެއެވެ. ވުމާ އެކު މިފަހަރު އާލިޔާއަށް އެ ބަހަނާ ނުދެއްކޭނެ ކަން ހިތަށް އަރާ ހާސްވަމުން ދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް ބައްޕަގެ އެދުމަށް ފުރަގަސްދީ އެ ދައްކަން އުޅޭ ވާހަކަތައް އަޑު ނާހައި ފަރުޖެއްސޭނެ އެއްގޮތެއް ވެސް ނެތެވެ. ވުމާ އެކު އެންމެ ފަހުން މަޖުބޫރުވީ ބައްޕަގެ ވާހަކަތައް އެހުމަށްޓަކައި ބައްޕަގެ ކައިރިއަށް ދާށެވެ. އެއްޗެހި ބަދަލު ކުރުމަށްފަހު ބައްޕަ ކައިރިއަށް އާލިޔާ ދިޔައެވެ. އަދި ބައްޕަގެ ކަނާތް ފަރާތުން ހުރި ގޮނޑީގައި އިށީނެވެ. ފުރަތަމަވެސް ބައްޕަ ކުރި ސުވާލަކި އާލިޔާ ލޯބިވާ ކުއްޖަކު އެބަހުރި ހެއްޔެވެ؟ އެހެން ބައްޕަ އެހުމުން އަދި ވަކިން މޭގަނޑު ނެގި ނެގިފައ ތެޅެން ފެށިއެވެ. އިތުރު މީހެއްގެ ކައިވެނި ކުރިމަތި ވަނީ ކަމުގެ ފެހި ސިގުނަލެވެ. މިއީ ބައްޕަ ތަކުރާރުކޮށް މިގޮތަށް ވާހަކަ ދައްކަން ފެށުމުގެ ގޮތުން ކުރާ ފުރަތަމަ ސުވާލެވެ. ބައްޕަގެ ވާހަކަ ތަކުން ސަލާމަތް ވުމަށް ހެދޭނެ އިތުރު ފަންޑިތައެއް ނެތްކަން އެނގޭތީ މިފަހަރު ބައްޕަ ގެ އެ ސުވާލުތަކުގައި ނިމުން ޖެހޭވަރުގެ ޖަވާބެއް ދޭން ނިންމިއެވެ.
އެގޮތުން އާލިޔާ ލޯބިވާ މީހަކު އެބަހުއްޓޭ ޖެހިލުމެއްނެތި ބުނެ ނިންމާލިއެވެ. އެހެން ބުނުމުން ބައްޕަ ބުނުއްވީ " އެއީ ކާކު ހެއްޔެ؟ ދަރިފުޅު ހިތް ރުހޭ ކޮންމެ މީހަކާއި ބައްޕަ ދެކޮޅު ނަހަދާނަމެ. އެކަމަކު އެއީ ދަރިފުޅު ދެކެ ލޯބިވާ މީހަކަށް ވުން ވަރަށް މުހިންމެ. ދަރިފުޅު ލޯބިވާ މީހަކާއި އިދެގެން ފިރިމީހާގެ ލޯތްބެއް ނުލިބޭނެ. އެކަމަކު ދަރިފުޅު ދެކެ ލޯބިވާ މީހަކުނަމަ ދަރިފުޅު ހިތްދަތި ވާނެ އެއްވެސް ކަމެއް ނުކުރާނެ. މިހެން މި އަހަން ޖެހުނީ ބައްޕަގެ ރައްޓެއްސަކުގެ ދަރިޔަކާއި ދަރިފުޅު ކައިވެނި ކޮށް ދިނުމަށް އެދެމުން ދާތީ. އެކުއްޖަކު ދަރިފުޅު ދަނެ. އެކަމަކު ދަރިފުޅަށް އެއީ ކާކުކަން ފަހަރެއްގައި އެނގިފައި ނެތުމަކީ އެކަށީގެން ވާކަމެއް. ދެން އެއީ އެކަމަކު ނުދައްކާ ވާހަކައެއް. ދަރިފުޅު ލޯބިވަނީ ކާކުދެކެ." އެ ސުވާލު އަނެއްކާ ވެސް ތަކުރާރު ކުރުމުން ކޮންމެސް ޖަވާބެއް ބައްޕައަށް ދިނުމަކީ އާލިޔާ ކުރަން ޖެހޭނެ ކަމެއް ކަމަށް ދެކުނެވެ. ނަމަވެސް ސައުން ދެކެ ލޯބިވާ ވާހަކަ ބުނާކަށް ނުކެރުނެވެ. އިސްޖަހައިގެން ސޯފާގެ ކުޝަން އެއްގެ ކަނުގައި ކޮއްޓާލަ ކޮއްޓާލައި އިނެވެ. އެހެން އިންނަން ފެށުމުން އާލިޔާގެ ބައްޕަ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "މިވަގުތު ދަރިފުޅު ބުނަން ބޭނުން ނޫން ނަމަ ނުބުންޏަސް އެންމެ ރަނގަޅު. އެކަމަކު މަންމަ މެދުވެރިކޮށް އެއީ ކާކުކަން ބައްޕަ އަށް ބުނެދެން ވާނެ. ކައިވެންޏާއި ހަމައަށް ދިއުމުގެ ކުރިން އެއީ ކާކުގެ ދަރިއެއްތޯ އާ ކުރަނީ ކޮންކަހަލަ މަސައްކަތެއްތޯއާ އަދި އެއީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްތޯ ބެލުމަކީ ބައްޕައެއްގެ ވާޖިބެކެވެ. ކައިވެންޏަށް ފަހު އަންހެން ދަރިންގެ މައްޗަށް ދެން ބަސް ކިޔާނީ އެ ދަރިންގެ ފިރިންނެވެ. ބަސްކިޔަން ހުންނަ ފިރި މީހާއަކީ އަނތްބަކު ގޮވައިގެން އުޅެވޭފަދަ ގާބިލުކަމާއި ފިރިއެއްގެ ހައިޞިއްޔަތުން ޒިންމާތައް އުފުލައިގެން އުޅެވޭ ފެންވަރުގެ ކުއްޖެއްތޯ ބެލުން އެއި މައިންބަފައިންގެ ޒިންމާއެއް. އެއީ އަހަރެމެންގެ އަންހެން ދަރިން ހަވާލު މިކުރެވެނީ ޚުލުޤުހެޔޮ ދީންވެރި ފިރިއެއްގެ މިލުކުވެރި ކަމަށްތޯ ބެލުމަކީ ބަފައިން ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމަކަށް ވާތީއެވެ. އެހެން ބުނުމުން އާލިޔާ އަށް ބުނެވުނެވެ. "އެއީ ޒިންމާދާރު ކަމާއެކު އެފަދަ ކަންކަން ނެގޭ ވަރުގެ ގާބިލު ކުއްޖެއް. ބައްޕަ ދެކޮޅު ނުހަދާނެ ކަން އެނގެ. އެއީ ސައުން" އެހެން އާލިޔާއަށް ބުނެވުނީ އިހުތިޔާރުން ބޭރުގައެވެ. ސައުންނޭ އާލިޔާ ބުނުމުން ބައްޕަގެ މޫނު މަތިން އެފެނުނު ހިތް ހަމަޖެހުން އާލިޔާއަށް ފާހަގަ ކުރެވުނެވެ. ބައްޕަ އިތުރު ވާހަކައެއް ނުބުނަނީސް މާދަމާ ތަންކޮޅެއް ކުރިން އޮފީހަށް ދާން ޖެހެއޭ ކިޔާފައި ވާހަކައިގެ ކުރި މަރާ ލުމަށް ފަހު ކޮޓަރިއަށް ހިނގައްޖެއެވެ. ކޮޓަރިއަށް ވަދެ އެނދުގައި ހަމަޖެހިލު މަށްފަހު ފޯނުގައި އިން ސައުންގެ ތަސްވީރަށް ބަލަހައްޓައިގެން އޮވެ، ވާހަކަ ދައްކަން ފެށިއެވެ.
"އަޅުވާކިޔުމަކީ ސިހުރެކޭ ބުނަނީ ދޮގަކަށް ނޫން. އެހެން މީހުންގެ އަޅުވާ ކިޔުމުގެ ސަބަބުން އެސްފީނާ ޖެހި އަހަރެންނަށް މިވަނީ ސައުންދެކެ ލޯބިވެވިފަ. ތިޔައީ ނަޞިބުވެރިއެއް. އެންމެ ފަހުން އަހަރެންގެ ހިތް ވަގަށް ނަގައިގެން މިހިތުގެ ހުރިހާ ދިރުމެއް ސައުންނަށް ޓަކައި ވަގުފު ކުރަން މަޖުބޫރު ކުރުވައިފި. އަހަރެންނަށް ދެން ސައުންނާއި ނުލައި ނޫޅެވޭނެ.ލޯތަބަކީ މުގަސްދަސް މާތް ގުޅުމެއްކަން މިހާރު އަހަރެންނަށް އިހުސާސްކުރެވޭ. ލޯބި ހުރިހާ އެއްޗެއް ފަތަޙަ ކުރެއޭ ބުނަނީ ފޯކުލޯ ވާހަކައެއްގެ ގޮތުގައި ނޫންކަން ޔަޤީން ކުރެވިއްޖެ. އެންމެން މަލާމާތް ކުރި ނަމަވެސް ދޮންމަންމަ އަކަށް ވާތީ ޖެހިލުމެއް ނުވަން. ބައްޕަގެ އެ ނަޞޭހަތް ތަކަށް ބަލާއިރު އަހަރެންނަކި ހާދަ ނަޞިބުގަދަ މހެކޭ. ސައުން އަހަރެންދެކެ ލޯބިވޭ. އަހަރެން ސައުން ދެކެ އިންތިހާއަށް ލޯބި ވަން. ވީއިރު ދެފަރާތުން ކުރެ އެއްފަރާތަކަށް ވެސް އެމީހަކު ބޭނުންވާ ލޯބިން މަހުރޫމު ވެ ބިކަ ވެގެންނެއް ނުދާނެ. ސައުންނާއި ނުލައި އަހަރެންގެ ދިރިއުޅުމަކީ އުނި އެއްޗެއް" ފޯނުން ފެންނަށް އިން ސައުންގެ ތަސްވީރުގައި އާލިޔާގެ އަތުގެ އިނގިލިތަކުން ފިރުމާލިއެވެ. ފޮނި އުއްމީދަކާއެކު އެންމެންގެ ރުހުމާއެކު ސައުންގެ މީހަކަށް ވަރަށް އަވަހަށް ވުމުގެ ފޮނި ހުވަފެންތައް ދެކެމުން ލޯމަރާލިއެވެ.