މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ގެވެށި ގުޅުން ކެންޕޭންގެ މަޖައްލާ ނެރެފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ޖެންޑާ މިނިސްޓްރީގެ ފަރާތުން މަޖައްލާއެއް ނެރެފިއެވެ.

އެ މަޖައްލާ ނެރެދެއްވީ މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މެޑަމް ފަޒްނާ އަހްމަދެވެ. މި މަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އާއި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުހްތާރު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ސާސްތުރައިގެ ނަމުގައި މިއަދު ނެރުނު މަޖައްލާއަކީ 62 ސޮފްހާގެ އެކުލެވޭ މަޖައްލާއެކެވެ. މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މައުލޫމާތު އެކުލެވޭ އާޓިކަލް ހިމެނިފައިވާނެއެވެ. މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ހިދުމަތްތަކާ ގުޅޭ މައުލޫމާތު މި މަޖައްލާގައި ހިމެނިފައިވެއެވެ.

މި މަޖައްލާގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ ގެވެށި ގުޅުން ސާސްތުރަ ޓީވީ ސީރީޒްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކުން ވިދާޅުވެފައިވާ ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ވިދާޅުވުންތަކާއި، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ކުރިއަށްގެންދެވިފައިވާ ބައެއް ހަރަކާތްތަކުގެ ފޮޓޯއާއި ކެމްޕެއިންގެ ދަށުން ފޯރުކޮށްދެވޭ މައިގަނޑު ބައެއް މެސެޖުތައް ހިމެނިފައިވާނެ ކަމަށް ޖެންޑާ އިން ބުނެ އެވެ.

ޖެންޑާ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.