އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް އޭނާގެ ބޮޑު ބޭބެ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި އެކަން ބަލަމުންދާއިރު އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
މިއީ ނ އަތޮޅުގެ ރަށެއްގައި ހިނގާދިޔަ ކަމެކެވެ. މީގެ ފަސް ދުވަސް ކުރީން ފެށިގެން އެކަން އެނގި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށައެޅި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނެތް ކަަމަށް އާއިލާއިން ބުނެފައިވަނިކޮށް ފުލުހުން ބުނީ ނޯތް ޕޮލިސް ޑިވިޝަން -- ނ، ރ، ބ، ޅ -- ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ބުންޏެވެ. ނަމަވެސް ތަހުގީގު ހިންގާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިއަދު މެންދުރު ފަހުން ފެށިގެން ނޫސްވެރިން ގެންދިޔައީ ޖެންޑާ މިނިސްޓްރީއާ ސުވާލު ކުރަމުންނެވެ. ނަމަވެސް ޖަވާބެއް ނުދީ ތިބުމަށް ފަހު މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މައްސަލަ ހުށަހެޅުމާއެކު ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށާ އަދި ކުއްޖާގެ ރައްކާތެރިކަން މިހާރު ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ.
އަދި ހުށަހެޅުނު މައްސަލައިގައި ގުޅުންހުރި އިދާރާތަކާއެކު ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކުރަން ޖެހޭނަމަ އެކަން ނިންމާނީ ފުލުހުންނެވެ،" ޖެންޑާގެ މެސެޖްގައިވެއެވެ.