ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނެޝަނަލް ސްޓިއަރިން ކޮމެޓީގެ ރިޔާސަތުގައި ރައީސް

Feb 22, 2022

ވަޒީރުންގެ މަޖިލީހުން ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ފާސްކުރައްވައި މި އެކްޝަން ޕްލޭން އެކަށީގެންވާގޮތަށް ތަންފީޒުކޮށް މޮނިޓަރކޮށް ލަފާއަރުވާ އަދި ޕޮލިސީ ލެވެލްގެ ނިންމުންތައް ނިންމުމަށް އެކުލަވާލި ނެޝަނަލް ސްޓިއަރިން ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާކަމުގައި ކަނޑައަޅުއްވައިފި އެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޖެންޑަ ފެމެލީ އެންޑް ސޯޝަލް ސާވިސަސް އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ޖެންޑާ އިކުއަލިޓީ ގާނޫނުން ލާޒިމުކުރާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސް އިން އެކުލަވާލާފައިވާ ފަސް އަހަރުގެ އެކްޝަން ޕްލޭނެކެވެ. މި އެކްޝަން ޕްލޭން ތަންފީޒު ކުރެވިގެން ދާނީ ގިނަ އިދާރާތަކެއްގެ ބައިވެރިވުމާއެކު އެވެ. އެގޮތުން މި އެކްޝަން ޕްލޭން ތަންފީޒުކުރާ އެކި އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ކުންފުނިތަކުގެ ފަންނީ އިސް މުވައްޒަފުން ހިމެނޭ ގޮތަށް ޓެކްނިކަލް ކޮމެޓީއެއް އެކުލަވާލައްވާނެ އެވެ.

ޖެންޑަ އިކުއަލިޓީ ގާނޫނުގެ ދަށުން ނެޝަނަލް ޖެންޑާ އިކުއަލިޓީ ޕޮލިސީ އެއް ވަނީ އެކުލަވާލާފައެވެ. ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ މި ސިޔާސަތު ނުވަތަ ޕޮލިސީ ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.

ނެޝަނަލް ޖެންޑާ އިކުއަލިޓީ ޕޮލިސީގެ އަމާޒަކީ ހަމަހަމަ މުޖްތަމައެއް ބިނާކުރުމަށާއި އަންހެނުންނާއި ފިރިހެނުންނަށް ފުރުސަތުތަކަށް ވާސިލުވުމުގައި ހަމަހަމަކަމާއި އިންސާފު ހޯދައިދިނުން ކަމަށް ސަރުކާރުން ބުންޏެވެ. އަދި ހުރިހާ އިދާރާތަކުގައި ޖެންޑާ މެއިންސްޓްރީމް ކުރުމަށް މި ސިޔާސަތުގައި ހިމަނާފައިވާ ކަަމަށްވެސް ބުންޏެވެ.