މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލު ގެންނަވައިފި

May 2, 2023

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަސައްކަތްތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބަދަލުތަކެއް ގެންނަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މާލެ ސަރަހައްދުގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، "ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒު"ގެ ނަމުގައި މަރުކަޒެއް މިއަދު އުފައްދަވާފަ އެވެ.

މިމަރުކަޒުގެ މައިގަނޑު މަސައްކަތްތަކަކީ، މާލެ ސަރަހައްދުން ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި، ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމެވެ.

ރައީސް ސޯލިހް މިއަދު ވަނީ "އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް" މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް މިއަދުން ފެށިގެން އިތުރުކުރަން ވެސް ނިންމަވާފަ އެވެ.

އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވީ، މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި، އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އިސްރަށްވެހިން ރަނގަޅު ސިއްހަތެއްގައި ދެމިތިބުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ގާއިމުކުރުމަށެވެ

ރައީސް ސޯލިހް މިއަދު ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިނގަމުންދިޔަ "ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އާއި "ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" އިން ކުރަމުން ދިޔަ މަސައްކަތްތައް ކުރުމަށް އެހެން އިންތިޒާމުތަކެއް ހަމަޖައްސާފައިވާތީ، އެ ތަންތަން މިއަދުން ފެށިގެން އުވާލެއްވުމަށްވެސް ނިންމަވާފަ އެވެ.

މި ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ގެންނަވާފައިވަނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.