މިނިސްޓްރީ އޮފް ހެލްތު

35 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

Feb 23, 2022

ގިނަ އަދަދަކަށް ސްޕެޝަލިޓް ޑޮކްޓަރުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި 35 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ ފަސް ދާއިރާ އަކުންނެވެ.

ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދި ނަމަވެސް އެއީ ކޮން ހޮސްޕިޓަލް ތަކަކަށް ހޯދާ ޑޮކްޓަރުން ކަމެއް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

ސްޕެޝަލިޓުން ހޯދާ އަދަދުތައް

  • އޮފްތަމޮލަޖިސްޓް - 16
  • ރޭޑިއޮލޮޖިސްޓް - 9
  • އެނެސްތަޓިސްޓް - 6
  • ގައިނަކޮލޮޖިސްޓް - 3
  • ޑާމަޓަލޮޖިސްޓް - 1

މަގާމަށް ޝައުގުވެރިވާ އަދި ޝަރުތު ފުރިހަމަވާ ސްޕެޝަލިޓުން ކަމާ ގުޅޭ ލިޔުންތައް ކުރިއަށް އޮތް މާޗް މަހުގެ ތިންވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން ހެލްތު މިނިސްޓްރީއަށް ލިޔުންތައް އީމެއިލް ކުރަންޖެހެ އެވެ.

މި މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ބެޗެލަ އޮފް މެޑިސިން އަދި ބެޗެލާ އޮފް ސާޖަރީ (އެމްބީބީއެސް) ހަދައި، މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ޓީޗިން ހޮސްޕިޓަލަކުން އެއް އަހަރުގެ އިންޓާންޝިޕް ފުރިހަމަ ކުރައްވާފައިވާ ބޭފުޅަކަށް ވާން ޖެހެ އެވެ. މެޑިސިންގެ ދާއިރާ އަކުން ހާއްސަވުމަށްފަހު މެޑިކަލް އޮފިސަރެއްގެ ގޮތުގައި އެއް އަހަރު މަސައްކަތް ކޮށްފައިވާ އަދި މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ބޭފުޅަކަށް ވާން ޖެހެ އެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި ހޮވޭ ބޭފުޅުންނަށް އަސާސީ މުސާރައިގެ ގޮތުގައި 30،990 ރުފިޔާ، ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 425 ރުފިޔާ އެކަމޮޑޭޝަނަށް މަހަކު 7،000 ރުފިޔާ އަދި ކެއުމަށް މަހަކު 2،400 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.