މޯލްޑިވްސް ކަސްޓަމްސް ސާވިސް

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށް ޑިއުޓީ ދެއްކުން ފަސްކުރެވޭނެ އާގޮތްތަކެއް ކަނޑައަޅައިފި

Feb 23, 2022

ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށް ޑިއުޓީ ދެއްކުން ފަސްކޮށް މުދާ ދޫކުރެވޭ އާ އުސޫލެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކަނޑައަޅައިފި އެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަރުކާރީ، މޭވާ، ފިނިކުރި މަސް، ޗީޒް ފަދަ މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުމަށްފަހު، ކަސްޓަމްސްގެ އާންމު ގަވާއިދުގެ 115 ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މުދަލަށް ޑިއުޓީ ދެއްކުން ފަސްކޮށް ދޫކުރެވޭނެ އާ އުސޫލު ކަނޑައަޅައި ކަސްޓަމްސް އިން މިހާރު ވަނީ އުސޫލު އާންމުކޮށްފަ އެވެ.

އެގޮތުން ކަރަންޓް ނުވަތަ ނެޓްވޯކް މައްސަލައެއް ދިމާވެގެން ނުވަތަ އެނޫންވެސް ކަސްޓަމްސްގެ ސިސްޓަމަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ޑިކްލަރޭޝަން ނުނިންމޭ ހާލަތެއް މެދުވެރިވުމުން ޑިއުޓީ ދެއްކުން ފަސްކޮށް މުދާ ދޫކުރެވިދާނެ ކަމަށް އާ އުސޫލުގައިވެ އެވެ.

ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން އަވަހަށް ހަލާކުވާ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވިގެން މުދަލުގެ ވެރިފަރާތުން އެކަން ކަސްޓަމްސްއަށް ހުށަހަޅާ ހާލަތްތަކުގައި ކަސްޓަމްސްއިން އެކަމެއް ބެލުމަށްފަހު ދެ ފަރާތަކަށް ޑިއުޓީ ދެއްކުން ފަސްކޮށް މުދާ އެ ދެ ފަރާތަށް ދޫކުރެވިދާނެ ކަމަށް އާ އުސޫލުގައި ބުނެފައިވެ އެވެ. އެއީ ކަސްޓަމްސްގައި ޕްރީޕޭމަންޓް އެކައުންޓް ހުޅުވާފައިވާ އަދި އެކައުންޓުގައި ފައިސާ ހުރި ފަރާތްތަކަށާއި ޓޫރިސްޓް ރިސޯޓުތަކަށެވެ.

އެހެން ފަރާތްތަކަށް އާ އުސޫލުގެ ދަށުން މުދާ ދޫކުރެވޭނީ، މުދަލަށް ދައްކަންޖެހޭ ޑިއުޓީއާއި އެހެނިހެން ފައިސާ ދެއްކުމަށް އެފަރާތުން އައްޔަންކުރާ ކަސްޓަމްސް ބްރޯކަރު، އެ މުދަލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވާނަމަ ކަމަށްވެސް އުސޫލުގައިވެ އެވެ. އެ ހާލަތުގައި ޑިއުޓީ ދެއްކުން ފަސްކޮށް ދޫކުރެވުނު މުދަލަށް، އެ މުދަލެއްގެ ޑިކްލަރޭޝަން ނިމޭތާ 48 ގަޑިއިރުގެ ތެރޭގައި ޑިއުޓީއާއި އެހެނިހެން ފައިސާ ކަސްޓަމްސްއަށް ދައްކައި ނިންމަން ލާޒިމުކޮށްފައިވެ އެވެ.

ސާޅީސް އަށްގަޑިއިރުގެ ތެރޭގައި ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ފައިސާ ނުދައްކާ ފަރާތްތަކަށް، ޑިއުޓީ ދެއްކުން ފަސްކޮށް އިތުރު މުދަލެއް ދޫކުރެވޭނީ ކުރިން ދޫކުރި މުދަލަށް އެފަރާތުން ދައްކަންޖެހޭ ފައިސާ ދައްކައި ނިމުމުން ކަމަށްވެސް އާ އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޑިއުޓީއާއި އެހެނިހެން ފައިސާ ދައްކާފައިނުވާނަމަ، އެ ފަރާތްތަކަށް ކަސްޓަމްސްއިން ދެމުންދާ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލުމުގެ ބާރުވެސް ލިބެ އެވެ.

"ވީމާ ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަރުކާރީ، މޭވާ، ފިނިކުރިމަސް، ޗީޒް ފަދަ މުދަލުގެ ޑިއުޓީ ދެއްކުން ފަސްކޮށް ދޫކުރެވޭނީ މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ." އާ އުސޫލަށްފަހު ކަސްޓަމްސް އިން އާންމު އެންގުމެއްގައި ބުނެފައިވެ އެވެ.