މުހައްމަދު ނާޒިމް

ހުއްޓާލާނީ ޖޭއެސްސީ މިނިވަން ކުރުމަށް ފަހު: ނާޒިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް އެ ކޮމިޝަން އެކުލަވާލުމަށް ސަރުކާރަށް ކެރިވަޑައިނުގަންނަވާނަމަ ދެން އަންނަ ދައުރެއްގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެކަން ކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އެ ޕާޓީން މިރޭ ބޭއްވި "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާގައެވެ. ނާޒިމްގެ މިރޭގެ ވާހަކަފުޅު އަމާޒު ކުރެއްވީ ޖުޑީޝަރީ މިނިވަން ކުރުމާއި ގުޅޭގޮތުންނެވެ. އޭނާ ވިދާޅުވީ ޖޭއެސްސީ މިނިވަން ވެގެން ނޫނީ ފަނޑިޔާރުގެ މިނިވަން ކުރެވެން ނެތް ކަމަށެވެ.

އެއީ މިދިޔަ 10 އަހަރު ދުވަހު އެ ބޭފުޅުން ދެއްކެވި ވާހަކަ ކަމަށާ ނަމަވެސް މިއަދު އޮތް ސަރުކާރުވެސް ފެންނަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް އެ ކޮމިޝަންގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ނުތިބެވޭ ގޮތަށް ކޮމިޝަނަށް އެކުވާލަން ފަސް ޖެހެމުންދާ މަންޒަރު ކަމަށެވެ. އެއީ މި ސަރުކާރުގެ ވައުދެއްކަން ހަނދާންކޮށްދެއްވާ ނާޒިމް ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް އެ ކޮމިޝަން އެކުލަވާލުމަށް ހުށައެޅި ބިލް ބޭރުކޮށްލުމުން އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.

ޖޭއެސްސީގައި ތިއްބަވަން ޖެހިވަޑައިގަންނަވާނީ ރިޓަޔާޑް ފަނޑިޔާރުންނާއި އިސްލާމީ ޝަރީއަތް ދަންނަ ބޭފުުޅުންނާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ އިލްމީ ގާބިލް ބޭފުޅުން ކަމަށް ނާޒިމް ވިދާޅުވިއެވެ. ޓަޔަޑް ފަނޑިޔާރަކާއި ވަކީލުން އިންތިހާބު ކުރާ ވަކީލަކާއި އަންހެން ވަކީލަކާއި ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތް ކިޔަވައިދޭ ބޭފުޅަކާއި، ގާނޫނު ކިޔަވައިދޭ ބޭފުޅަކާއި، ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅަކާއި، ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅަކާއި، އެހެން ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅަކު ޖޭއެސްސީގައި ހިމަނަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޖޭއެސްސީ މިނިވަން ކުރައްވާނެ ކަމަށާ އެކަން ސަރުކާރުން ނުކުރާހާ ހިނދަކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި އެމްއެންޕީ ދެމި އޮންނާނެ ކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ވެސް ޖޭއެސްސީ އިސްލާހުކުރާނެކަމަށް އެމްޑީޕީން ވައުދުވި އެވެ.