ރަޝިއާ އިން ޔުކްރޭނަށް ހަމަލާ ދެމުންދާ ސަރަހައްދުތަކުގައި ތިބި ދަރިވަރުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ބުނެ ޔުކްރޭންގައި ތިބި ދިވެހި ބައެއް ދަރިވަރުންނާއި އެ ކުދިންގެ އާއިލާތަކުން ކަންބޮޑުވެއްޖެ އެވެ.
ޔުކްރޭންގައި މެޑިސިން ހަދަމުންދާ ދިވެހި އަންހެން ކުއްޖެއްގެ ބައްޕަ މިއަދު އަވަސް އަށް މައުލޫމާތު ދެމުން ބުނީ ރަޝިއާ އިން ޔުކްރޭނަށް ހަމަލާދޭނެ ކަމަށް ބެލެވޭ އެތައް އަލާމާތްތަކެއް ފެނުމާ އެކު ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ގުޅައި އޭނާގެ ދަރިފުޅު ރާއްޖެ ގެނައުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ދިވެހި ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ ބައެއް ލިޔެކިޔުންތައް ނުލިބި އޭނާގެ ދަރިފުޅާއި އަދި އިތުރު 16 ދިވެހި ކުއްޖަކު ޔުކްރޭންގެ އިވަނޯ ފްރެންކްގައި ތާށިވެފައިވާ ކަމަށެވެ.
"ޔުކްރޭނާ އެންމެ ގާތުގައި ހުންނަ ދިވެހި އެމްބަސީ އަކީ ޖަރުމަންގެ ބާލިންގައި ހުންނަ އެމްބަސީ. އެތާ މި ހުންނަވަނީ ހ. ސީވީޑް އަހްމަދު ލަތީފް. ކަންދިމާކުރި ގޮތުން ލަތީފަކީ ރާއްޖެއިން ރަޝިއާ އަށް ވެސް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު. އޭނާ އަށް އަޅުގަނޑު ކުރިން ގުޅީމާ ފޯނަށް ޖަވާބު ދެއްވި. އެކަމަކު މިހާރު ތިން ދުވަސް ވެއްޖެ ފޯނަށް ޖަވާބު ނުދެއްވާތާ. ޖަރުމަންގައި ހުންނަ އެމްބަސީން ދޫކުރަންޖެހޭ ލިޔުންތަކެއް ނުލިބިގެން އަޅުގަނޑުގެ 23 އަހަރުގެ އަންހެން ދަރިފުޅާއި އެހެން ކުދިން އެ ތިބީ ތާށިވެފައި. އެ ކުދިން އެތިބީ ބޮޑު ބިރުވެރިކަމެއްގައި. މިއީ މި ނުރައްކާތެރި ވަގުތުގައި ސަރުކާރަކުން ކަންކުރަންޖެހޭ ގޮތަކީ،"
އޭނާ ބުނީ ދަރިފުޅު ރާއްޖެ ގެނައުމަށް އޭނާ ބޭނުންވަނީ ކަމާ ގުޅޭ ލިޔުންތައް ކަމަށާއި ދިވެހި ސަރުކާރުން ހަރަދު ނުކުރިޔަސް އެ ލިޔުންތައް ލިބުމާ އެކު ދަރިފުޅު ގެންނާނެ ކަމަށެވެ. އޭނާގެ ދަރިފުޅާއި އެހެން ދިވެހި ކުދިން ތިބި ތަނުން ފުރައިގެން އެއް ގަމު މަގުން ގިނަ ވެގެން ދެ ގަޑިއިރުގެ ތެރޭގައި ޕޮލެންޑަށް އެތެރެވެވޭނެ ކަމަށާއި ނަމަވެސް އެ ދަތުރު ފެށޭނީ ޕޮލެންޑަށް އެތެރެވުމަށް ބޭނުންވާ ބައެއް ލިޔެކިޔުމާއި، ޔުނިވަސިޓީ އަށް އެ ކުދިން ފޮނުވަން ޖެހޭ ބައެއް ލިޔުންތައް ދިވެހި ސަރުކާރުގެ ތެރެއިން ހަމަޖައްސައިދީގެން ކަމަށެވެ.
"އަޅުގަނޑު ދަރިފުޅަކީ ޔުނިވަސިޓީގައި ދިވެހި ކުދިންގެ ކަންކަމުގައި ތަންކޮޅެއް އިސްކޮށް އުޅޭ ކުއްޖަކަށްވާތީ ދަރިފުޅާއި އެހެން ކުދިންގެ ގުޅުން ވަރަށް ރަނގަޅު. އަޅުގަނޑު ދަރިފުޅު ކައިރީގައި ބުނެފިން އޭނާ ހުރި ތަނަށް ދެން ތިބި 16 ދިވެހި ކުދިންވެސް ގެންދަން. އެ ކުދިން އެބަދޭ އަޅުގަނޑު ދަރިފުޅު ހުރި ތަނަށް. އެ ކުދިންނަށް އެ ތަނުގައި ކެވޭނެ އަދި ނިދޭނެ ގޮތް ހަމަޖައްސާނަން. އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅުގަނޑަށް ކޮށްދެވޭނެ އެކަހަލަ ކަމެއް. އެގޮތަށް ހުރިހާ ކުދިން އެއް ތަނަކަށް މި ގެންނަނީ ކަމާ ގުޅޭ ލިޔުންތައް ލިބުމާ އެކު ހުރިހާ ކުދިން އެއް ފަހަރާ ފުރަން ފަސޭހަ ވާނެތީވެ،"
އަވަސްއާ ވާހަކަ ދެއްކި އެހެން ބެލެނިވެރިޔަކު ބުނީ ޔުކްރޭންގެ އެއްވެސް ދިމާލަކުން ވައިގެ މަގުން ދަތުރު ނުކުރެވޭ ކަމަށާއި ބައެއް ސަރަހައްދުތަކަށް އިންޓަނެޓާއި ފޯންގެ ހިދުމަތް ލިބުމުގައިވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އޭނާ ބުނީ ޔުކްރޭނުން ފުރައިގެންދާނަމަ ސަބަބު ބަޔާންކުރުމަށްފަހު ދިވެހި އެމްބަސީގެ ނުވަތަ ދިވެހި ސަރުކާރުގެ ލިޔުމެއް ޔުނިވަސިޓީއަށް ހުށަހެޅުމަށް ދަރިވަރުންނަށް ޔުނިވަސިޓީ ތަކުން އަންގާފައިވާ ކަމަށާއި އެ ލިޔުން ޔުނިވަސިޓީ އަށް ނުފޮނުވާ ފުރައިފިނަމަ ކޯހުން ވަކިވީ ކަމަށް ބަލާނެ ކަމަށް ޔުނިވަސިޓީން އަންގާފައިވާ ކަމަށެވެ.
"އެހެންވެ އެ ލިޔުން ހޯދަން އަޅުގަނޑު ވެސް ތަކުރާރުކޮށް ލަތީފަށް ގުޅިން. ގުޅާތާ އެތައް ދުވަހެއް ފަހުން އަދި ރޭގައި އެ ލިޔުމެއް އެ ލިބުނީ. ދިވެހި އެމްބަސީ އަށް ނުވާނެކަން އެނގޭތީ އަހަރެމެން އަމިއްލަ އަށް ޔުނިވަސިޓީގެ އެންމެ އިސް ބޭފުޅުންގެ ފޯން ނަންބަރުތައް ހޯދައި އެ ނަންބަރުތައް ވެސް އަޅުގަނޑުމެން ވާނީ ސަފީރު ލަތީފަށް ފޮނުވާފައި. އެކަމަކު އަދިވެސް މިއުޅެނީ ބައެއް ކަންކަން ހަމަނުޖެހިގެން. ދިވެހި ސަރުކާރުން ނޫސްތަކަށް މައުލޫމާތުދޭ ގޮތަކަށް ނޫން ޔުކްރޭންގައި ދިވެހި ދަރިވަރުންގެ ކަންކަމުގައި ސަރުކާރުން އަމަލުކުރަނީކީ. ހަގީގަތުގައިވެސް ދިވެހި ސަރުކާރުގެ މާބޮޑު އެއްބާރުލުން ސަމާލުކަމެއް ނެތް،" ކިޔެވުމުގެ ފަހު އަހަރުގައި އުޅޭ ދަރިވަރެއްގެ މަންމަ އަކު ބުންޏެވެ.
ހަމަލާތައް ދެމުންދާ ސަރަހައްދުގައި ހުރި ދިވެހި ދަރިވަރަކު ބުނީ އޭނާ ހުރި ހިސާބުން ހިނގާލާފައި 20 އަކަށް މިނެޓުން ދެވޭ ހިސާބަކަށް ވެސް އިރުކޮޅެއް ކުރިން ހަމަލާދީފައިވާ ކަމަށެވެ. އެއްވެސް މީހަކު އިމާރާތްތަކުން ބޭރަށް ނުދިއުމަށް ޔުކްރޭން ސަރުކާރުން އަންގާފައިވާތީ ކައިރީގައި ހުރި ފިހާރަތަކުން ކެއިންބުއިމަށް ބޭނުންވާ ބައެއް ސާމާނު ގަނޑުކޮށް ގަނެފައިވާ ކަމަށްވެސް ބުންޏެވެ.
"ވަރަށް ބިރުގަނެފައި މިތިބީ. އަޅުގަނޑުމެންނަށް މިތަނުގެ ނޫސްތަކުން ލިބޭ މައުލޫމާތުން އެނގޭ ގޮތުގައި ޔުކްރޭންގެ ބޮޑެތި ހުރިހާ ސިޓީތަކަށްވެސް ދަނީ ހަމަލާ ދެމުން. މިތަނަށްވެސް ދޭތެރެ އަކުން ކޮންމެވެސް އަޑުފަށްގަނޑެއް އެބަގޮވާ،" ދަރިވަރު ބުންޏެވެ.
އޭނާ އިތުރަށް ބުނީ ރަޝިއާ އިން ޔުކްރޭނަށް ހަމަލާ ދިނުމުގެ ކުރިން އެ ގައުމުން ބޭރުވާން ބޭނުންވާތީ މައިންބަފައިން މެދުވެރިކޮށް ދިވެހި ސަފީރަށް ގުޅުމުން ރަޝިއާ އިން ޔުކްރޭނަށް ހަމަލާ ދޭން ނޫޅޭ ކަމަށް އެންގެވި ކަމަށެވެ. އެހެންވެ ކުރެވޭ ހީއަކަށް ބަލައި ބޮޑު ހަރަދެއް ކޮށްގެން ދަތުރުނުކުރަން ސަފީރު ލަފާ ދެއްވެވި ކަމަށެވެ.
ޔުކްރޭންގައި ކިޔަވަން ތިބީ 50 އަކަށް ދަރިވަރުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނި ނަމަވެސް ޔުކްރޭންގައި ތިބި ދިވެހި ދަރިވަރުންނާއި އެ ކުދިންގެ އާއިލާތަކުން ހިއްސާކުރާ މައުލޫމާތަށް ބަލާއިރު ސަރުކާރުން ބުނާ އަދަދަށް ވުރެ ގިނަ ދިވެހި ދަރިވަރުން ޔުކްރޭންގައި ކިޔަވަމުންދެ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޔުކްރޭންގައި މިވަގުތު ތިބީ 20 ދަރިވަރުން ކަމަށާއި ހުރިހާ ދަރިވަރުންނާ ވެސް މިނިސްޓްރީން މުއާމަލާތު ކުރަމުންދާ ކަމަށެވެ. ޔުކްރޭންގައި ހާލަތު އެންމެ ގޯސް ޚަރްވިކްގައި ތިބި 35 ދަރިވަރުންގެ ތެރެއިން 30 ދަރިވަރުން ޔޫކްރެއިންގެ ބޯޑަރުން ބޭރުވެފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވެ އެވެ.