ރަޝިޔާ

ރަޝިއާ ސަފީރުގެ ނުރުހުން މައުމޫނަށް

ރަޝިއާ އިން ޔުކްރޭނަށް ދޭ ހަމަލާތައް އދ.ގެ ސަލާމަތީ މަޖިލީހުން ކުށްވެރި ނުކުރާތީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އދ. އަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެން ރާއްޖޭގައި ހުންނަވާ ރަޝިއާ ސަފީރު ލިވަން އެސް ޖަގަރްޔަން ނުރުހުންވެ މައުމޫނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިދިޔަ އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އދގެ ސަލާމަތީ މަޖިލިސް އަދިވެސް އެބައޮތްތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. ހަބަރު

"ބީބީސީން ބުނާ ގޮތުގައި މިދިޔަ ދެރޭގެ ތެރޭގައި ރަޝިޔާ އިން ވަނީ ޔޫކްރޭނަށް ބޮޑެތި ވައިގެ ހަމަލާތަކެއް ދީފަ. އެކަމަކު އދ އިން އެކަމާ އެއްވެސް އެއްޗެއް ބުނި ހަބަރެއް،" ރަޝިއާ އަށް އަމާޒުކޮށް މައުމޫން ކުރެއްވި ޕޯސްޓްގައިވެ އެވެ.

ރައީސް މައުމޫނަށް ރައްދުދެއްވަމުން ރަޝިއާ އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ ރަޝިއާ އިން ޔުކްރޭނަށް ހަމަލާ ދޭން ފެށި ސަބަބު ރައީސް މައުމޫނަށް ހަނދާން ކޮށްދެއްވާފަ އެވެ. އެގޮތުން ސަފީރު ވިދާޅުވީ ޔުކްރޭންގެ ރައީސް ޒެލެންސްކީގެ ސަބަބުން އެ ގައުމުގެ ޑޮންބާސް ސަރަހައްދުން ގިނަ ބަޔަކު މަރުވިކަން މައުމޫނަށް ހަނދާން ކޮށްދޭ ކަމަށެވެ.

ސަފީރު ވިދާޅުވީ 2022 ވަނަ އަހަރުން ފެށިގެން ހަތަރު ފަހަރަށް ސުލްހައިގެ ހުށަހެޅުންތައް ރަޝިއާ އިން ޔުކްރޭނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެކަމަކު ހަމަލާތައް ޔުކްރޭނުން ހުއްޓާލުމަށް ބޭނުން ނުވީ ކަމަށާއި އެއީ އެމެރިކާއާއި އިނގިރޭސިވިލާތުން ހިތްވަރު ދީގެން ޔުކްރޭނުން އަމަލުކުރާ ގޮތެއް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"ހުޅަނގުން ގެންގުޅޭ ތަފާތުކުރާ ސަގާފަތަށް ތާއީދު ނުކުރަން މައުމޫނަށް ގޮވާލަން،" ސަފީރު ވިދާޅުވި އެވެ.

ސަފީރު ވަނީ އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލަތަކާ ގުޅިގެން ރައްޔިތުންތަކެއް ތަހައްމަލް ކުރަމުންދާ ހިތްދަތިކަމުން ސަލާމަތް ކުރުމަށް އދގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރެއްވުމަށްވެސް މައުމޫނަށް ނަސޭހަތްތެރިވެފަ އެވެ.