ބޯހިމެނުން

ބޯހިމެނުމާ ގުޅޭ ލޯގޯ އަންނަ މަހު ބޭނުންކުރަން އަންގައިފި

Feb 24, 2022

ރާއްޖޭގައި މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ލޯގޯ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަހަރަކީ ބޯހިމެނުން ބާއްވާ އަހަރު ކަމަށްވާތީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލޯގޯ، މާޗް އެކަކުން ފެށިގެން މިއަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުވާ ލިޔެކިޔުންތަކުގައި ބޭނުންކުރުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

ލޯގޯ ބޭނުންކުރުމާ ގުޅޭ މައުލޫމާތު، ޕްލޭނިން މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކާ ހިއްސާކުރާނެ ކަމަށާއި، އެ މައުލޫމާތު ލިބުމުން ލޯގޯ ޖަހަމުން ގެންދިއުމަށް ވެސް ރައީސް އޮފީހުން އެދިފައިވެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މިހާރު ވަނީ ބޯހިމެނުމުގައި ހަރަކާތްތެރިވާ 4،300 އެނިއުމަރޭޓަރުންނާއި އަދި 100 ޓްރެއިނާސް ހޯދަން އިއުލާންކޮށްފަ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބޯހިމެނުމުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓް ކުރުމުގެ މަސައްކަތް ވެސް އެމްބީއެސް އިން މިހާރު ދަނީ ކުރަމުންނެވެ.

ބޯހިމެނުން ކުރިއަށް ގެންދަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.