އިމްތިޔާޒު ފަހުމީ

ޗެެއާޕާސަންގެ އިންތިހާބު: އިންތިގެ ތަރުޖަމާނަކަށް ވައްޑެ

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި އެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ސްޕޯކްސްޕާސަންގެ މަގާމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހަމަޖައްސައިފި އެވެ.

އިންތި މިރޭ ވިދާޅުވީ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި އޭނާގެ ސްޕޯކްސްޕާސަންކަން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ގަބޫލު ކުރެއްވުމަކީ އުފަލެއް ކަމަށެވެ.

"ވައްޑެއަކީ އެމްޑީޕީގެ ވައްޓަފާޅި ދަންނަ ސާފުސީދާ ބަހުން ޕާޓީގެ ހަމަތަކާއި އުސޫލުތަކަށް ކެނޑިނޭޅި ވަކާލާތުކުރާ ތެދުވެރިއެއް،" ވަހީދަށް ތައުރީފު ކުރައްވާ އިންތި ވިދާޅުވިއެވެ.

އިމްތިޔާޒުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އެވެ.

އެމްޑީޕީގެ ޗެއާޕާސން ހޮވުމުގެ އިންތިހާބު ފޯރިގަދަ ވާނެ ކަމަށް ބެލެވޭއިރު ސޯޝަލް މީޑިއާގައި އިންތިގެ ސަޕޯޓަރުންނާއި ފައްޔާޒުގެ ސަޕޯޓަރުން ގެންދަނީ ވަރުގަދަ އަށް ކެމްޕޭން ކުރަމުންނެވެ.

މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ. މައުލޫމާތު ފެތުރޭ ގޮތުން ރައީސް ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށެވެ.