ޔޫކްރޭންގެ ރައީސް ލަޑިމިއާ ޒީލިއަންސްކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވަން އެދިވަޑައިގެންފި އެވެ.
ޒީލިއަންސްކީގެ ޓެލެގްރާމް ޗެނަލް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖުގައި އޭނާ އެދިވަޑައިގެންފައި ވަނީ މަޝްވަރާ މޭޒުދޮށް ވަޑައިގެން ދެ ލީޑަރުން ބައްދަލު ކުރެއްވުމަށެވެ. އަދި މަޝްރަހުގައި އޮތް ނުތަނަވަސްކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
ޒީލިއަންސްކީ މިހެން ވިދާޅުވި ނަމަވެސް ރަޝިއާއާ އެއްވެސް ގުޅެމެއް ބާއްވަން އެދިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ވަނީ ސިޔާސީ ގުޅުން ވެސް ކަނޑުއްވާލައްވާފަ އެވެ.
ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވީ މަޝްވަރާއަށް އޮތް ފުރުސަތު ރަޝިއާ ބަންދު ނުކުރާ ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މަޝްވަރާއަށް ޕޫޓިން ދެން ވަޑައިގަންނަވާނީ ޔުކްރޭންގެ އަސްކަރިއްޔާއިން ދޮންބާސްއަށް ދެމުން ގެންދާ ހަމަލާތައް މުޅިން ހުއްޓާލައި އަދި މިހާރު ހިންގުމުން ގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލައި ސިފައިން ގެއަށް ދިއުމުން ކަމަށެވެ.
ލަވްރޯފް ވިދާޅުވި ގޮތުން އާންމުގެ އެއްވެސް މީހަކަށް ރަޝިއާއިން ހަމަލާ ނުދޭނެ އެވެ. އަދި އިސްވެ ހަމަލާ ނުދޭ އެއްވެސް މީހަކަށް ހަމަލާ ނުދޭނެ އެވެ.
ލަވްރޯވް ވިދާޅޫވީ ޔުކްރޭނަށް މިހާރު އޮތް ފުރުސަތަކީ ހަތިޔާރު ބަހައްޓައި އަމާންދިނުން ކަމަށާއި ގެއްލުން އެންމެ ކުޑަވާނީ އެގޮތުގައި ކަމަށެވެ.